ހަނގުރާމަވެރި ސަރަހައްދުތަކުގައި ކުޑަކުދިންނަށް ހަމަލާދީ، މަރާކަމަށް ތުހުމަތު ކުރެވޭ ގައުމުތަކާއި ޖަމާއަތްތަކުގެ ބްލެކްލިސްޓުގައި އދ އިން ރަސްމީކޮށް އިސްރާއީލު ހިމަނައިފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިއުލާނު ކުރެއްވި މި ނިންމުމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ދުނިޔޭގެ ކުށްވެރިންގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާ ހިމެނިފައިވާ ކަމަށް އިސްރާއީލިން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގިލާޑް އެރްދާން ވިދާޅުވިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ "ޗިލްޑްރަން އެންޑް އާމްޑް ކޮންފްލިކްޓް" ރިޕޯޓުގައި އިސްރާއީލު ހިމެނުނުކަން އަންގާފައިވާކަން އެރްދާން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދެއްވާފައެވެ. ގުޓެރޭޒް މި ނިންމުން އަލުން މުރާޖައާ ކުރުމަށް އިޒްރޭލުން މަސައްކަތް ކުރި ނަމަވެސް، ބްލެކްލިސްޓް ޝާއިއުކުރުން މި މަހުގެ ތެރޭގައި ތާވަލްކޮށްފައިވާއިރު، އެ ނިންމުން އަދިވެސް އޮތީ ސާބިތުކޮށެވެ.

އެނިންމުމާ މެދު ނުރުހުން ފާޅުކުރައްވަމުން އެރްދާން ވިދާޅުވީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިން ހިމާޔަތް ނުކުރާ ގައުމެއްގެ ގޮތުގައި އިސްރާއީލު ހިމެނުމަކީ "ހުތުރު" ކަމެއް ކަމަށެވެ. މި ނިންމުން ގެނެސްފައިމިވަނީ 2022 ވަނަ އަހަރު އދ އިން ބްލެކްލިސްޓުވިޔަ ނުދިނުމަށް އިސްރާއީލުން ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހޭކަމަށް އިންޒާރުދީފައި ވަނިކަށެވެ.

މީގެ ކުރިންވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ އަނިޔާއާ ރަހުމް ކުޑަ އަމަލުތަކުގެ ސަބަބުން މި ލިސްޓުގައި އިސްރާއީލު ހިމެނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަންނަނީ ޒަމާނުއްސުރެ ވަކާލާތު ކުރަމުންނެވެ. އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ 36،731 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 71 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން އަދި ތުއްތު ކުދިންކަމަށް މި ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.