އަޟްހާ ޢީދުގެ މުނާސަބަތުގައި، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅައިފިއެވެ.

ކަލަންޑަރުގައިވާ ގޮތުން 20 ވަނަ ދުވަހަކީ ބަންދު ދުވަހެކެވެ. ނަމަވެސް ކަލަންޑަރުގައި އެގޮތަށް ކަނޑައަޅާފައި އޮތީ މި މަހުގެ 8 ވާ ހޮނިހިރު ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ބަލައިގެންނެވެ. މިގޮތަށް ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާކަމަށް ރައިސް އޮފީނުން ނެރުނު ބަޔާނުގައި ބުނެއެވެ.

ނަމަވެސް ޙައްޖު މަހުގެ ހަނދު ސަޢުދީ އަރަބިއްޔާއަށް ފެނުމާ ގުޅިގެން ޙައްޖު މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ދުވަހެއް ގޮތަށް 20 ވަނަ ދުވަސް ހަމަޖައްސައިފިނަމަ ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ހަމަޖައްސަވާދެއްވައިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސަޢުދީ އަރަބިއްޔާއިން ކަނޑައަޅާފައިވާ ގޮތުން ޙައްޖު ދުވަހަކީ މިމަހު 15 ވަނަ ދުވަސް އަދި އަޟްހާ ޢީދު ދުވަހަކީ 16 ވަނަ ދުވަހެވެ. އަޟްހާ ޢީދުގެ މުނާސަބަތުގައި ބަންދުކުރާ ތިން ދުވަހާއެކު މިމަހު ސަރުކާރު ބަންދުވާނީ 16، 17، 18 އަދި 19 ވަނަ ދުވަސްތަކެވެ. އެހެން ކަމުން، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުއެވެ.