18 ވަނަ މުމްބާއި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
ޔޫނިއަން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ސެކްރެޓަރީ ސަންޖޭ ޖާޖޫ, މީޑިއާތަކާ ހަވާލާދީ ވާހަކަދައްކަމުން ހާމަ ކުރި ގޮތުގައި މި އަހަރުގެ ފިލްމް ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޑޮކިއުމަންޓްރީ ސްޓައިލުގެ ފިލްމު, ކުރު ފިލްމު އަދި އެނިމޭޝަންސްއަށް ހާއްސަކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ކުރިއަށް ދާ މި ފެސްޓިވަލް މި އަހަރު އޮތީ މުމްބާއީގެ ނޭޝަނަލް ފިލްމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެފްޑީ-އެންއެފްޑިސީ) ގެ ހޯލެއްގައެވެ.
މި އަހަރުގެ ފެސްޓިވަލުގައި ހިމެނުމަށް 38 ގައުމަކުން ޖުމްލަ 1018 ފިލްމެއް ވަނީ ހުށައަޅާފައެވެ. ފެސްޓިވަލުގެ ފިލްމް ސެލެކްޝަން ކޮމިޓީއިން ވަނީ, މި ފިލްމުތަކުގެ ތެރެއިން ފެސްޓިވަލުގައި ދައްކާލުމަށް 118 ފިލްމެއް އިހްތިޔާރު ކޮށްފައެވެ.
1990 ވަނަ އަހަރު ފެށިގެން ކުރިއަށް ދާ މުމްބާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލަކީ މުމްބާއީގެ ފިލްމް ޑިވިޝަނާއި, އިންޑިއާގެ ސަރުކާރާއި, އެ ގައުމުގެ އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީއިން ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލަކީ, ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑޮކިއުމަންޓްރީ ފިލްމުތަކާއި ކުރު ފިލްމު ހަދާ ފަރާތްތަކަށް އެ ދާއިރާގެ އެހެން ބޭފުޅުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކުރުމަށް ޓަކައި އުފެއްދި ފެސްޓިވަލެކެވެ.