ކުޅަދާނަކަން ލިބިގެންވާމީހާ އުމުރުން އެއް ފަހަރު ޙައްޖުވުމަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. އެހެން އަޅުކަންތަކާއި ޚިލާފަށް، ޙައްޖަކީ ހައްޓަށް ބުރަ އަދި މާލީގޮތުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ އަޅުކަމެކެވެ. ޙައްޖުކުރުމުގައި އެތައް ރާސްތާއަކަށް ފައިމަގުގައި ހިނގަންޖެހެއެވެ. މިނާ، ޢަރަފާތު އަދި މުޒްދަލިފާގައި ބައިބޯކަމުގެ ސަބަބުން އެތައް އުނދަގުލެއް ތަޙައްމަލުކުރަން ޖެހެއެވެ. ޢާއްމު ދިރިއުޅުމުގައި ކިޔޫގައި ނުޖެހި ފަސޭހައިން ކުރެވޭކަންކަންވެސް، ޙައްޖުގައި ކުރަންޖެހެނީ ކިޔޫތަކުގައި ޖެހިގެންނެވެ. އެހެން މުސްލިމު އަޚުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަންކަމާވެސް ކުރިމަތިލާން ޖެހެނީ މަދު ފަހަރަކު ނޫނެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް އިސްކުރަން ޖެހެނީ ކެތްތެރިކަމެވެ. ޙައްޖުގައި އަދި ޢާއްމު ދިރިއުޅުމުގައިވެސް މުސްލިމަކަށް ކުރިމަތިވާ ކޮންމެ ކަންބޮޑުވުމަކަށް އަދި ކޮންމެ ތަކުލީފަކަށްވެސް އަޖުރު ލިބިގެންދާނެކަމަށް އައިސްފައިވާ ނަބަވީ އިރުޝާދުގެ ސަބަބުން މިދެންނެވި ޙާލަތްތަކުގައި ހިތަށް ފިނިކަމާއި ހަމަޖެހުން ލިބިގެންދެއެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.
((مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ))[رواه مسلم]
މާނައީ: "އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާ ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ފާފަފުއްސަވައި ނުދެއްވާނެގޮތަކަށް (މީއިން އެއްވެސްކަމެއް) ނުޖެހެއެވެ."
މި ތަކުލީފުތަކާއެކު، ބައިބޯ ވެއްޓެއްގައި އުޅެން ޙައްޖުވެރިޔާއަށް ދަސްވެއެވެ. ޙައްޖުގެ ތެރެއިން ލިއްބައިދޭ ޖިސްމާނީ ތަމްރީންތަކުގެ އިތުރުން، ޙައްޖަކީ ރޫޙާނީ މަދަރުސާއެއްވެސްމެއެވެ. ޙައްޖާ ގުޅޭގޮތުން އައިސްފައިވާ އާޔަތްތައް ނިންމަވާލައްވާފައިވަނީ ޙައްޖާއި ތަޤްވާވެރިކަމާހުރި ގުޅުން ބަޔާންކޮށްދެއްވަމުންނެވެ.
﴿الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَاأُولِي الْأَلْبَابِ ﴾ [البقرة: 197]
މާނައީ: "ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖުވުމަށް ޤަޞްދުކޮށް އިޙްރާމްބަނދެފިމީހާ، ދަންނާށެވެ!) ފަހެ ޙައްޖުވުމުގެ ތެރޭގައި ޖުމާޢުވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (ﷲ އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤުވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ!"
ތަޤްވާވެރިކަމަކީ އެންމެ ހެޔޮ ކޮއްތުކަމުގައި މިއާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. އެހެނީ ތަޤްވާވެރިކަމުގެ ސަބަބުން ދެދުނިޔޭގެ ކާމިޔާބު ލިބިގެންދެއެވެ. ތަޤްވާވެރިކަމަކީ ކޮބައިތޯއެވެ؟ އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުވެ އުޅުމެވެ. ކަށިހުރިމަގަކުން ހިނގާފައިދާ މީހަކު ކަށިތަކުން ނެއްޓެމުން ކުރިޔަށްދާ ފަދައިން މާތްﷲ އަށް ތަޤްވާވެރިވާމީހާ ފާފަތަކުން ދުރުހެލިވެ، މާތްﷲ އެންގެވިގޮތަށް ދިރިއުޅުން ކުރިޔަށްގެންދެއެވެ.
މިފަދަ އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ:
﴿لَنْ يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَكِنْ يَنَالُهُ التَّقْوَى مِنْكُمْ﴾ [سورة الحج 37]
މާނައީ: “އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤުވާވެރިކަމެވެ.”
މި އާޔަތުގައި މުސްލިމުން އެއިލާހުގެ ނަންފުޅުގައި ކަތިލާ ކަތިލުންތަކުގެ މަޤްޞަދު މާތް ﷲ ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ ތަޤްވާވެރިކަން އިތުރުކުރުމެވެ. އަދި މާތްﷲ އަށް ކިޔަމަންވުމުގައި އެ ކަތިލެވޭ ޖަނަވާރަށްވުރެވެސް ބޮޑު އެއްޗެއް ޤުރުބާންކުރަން ޖެހުނުކަމުގައިވިޔަސް އެފަދަ ޤުރުބާނީއެއްވުމަށްވެސް ތައްޔާރަށްހުރިކަން އިޙްސާސްކުރުމުގެ ފުރުޞަތު ދިއްވިއެވެ.
އަދި ހަމައެފަދައިން އަލްޙައްޖުގެ ނަމުން ނަންދެވިފައިވާ ސޫރަތް ފެށިފައިވަނީވެސް ޤިޔާމަތް ދުވަހު މީސްތަކުންގެ ޙާލަތުތައް ހުންނާނެގޮތް ބަޔާންކޮށްދެއްވަމުންނެވެ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿١﴾
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.”
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ اللَّـهِ شَدِيدٌ ﴿٢﴾
މާނައީ: “ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲގެ ޢަޛާބު ގަދަފަދައީއެވެ.”
[سورة الحج 1-2]
މިސޫރަތުގައި ޙައްޖާއި ގުޅޭ ގިނަ އާޔަތްތަކެއް އައިސްފައިވާއިރު، ކެތްތެރިވުމާއި، އަދި މާތް ﷲއަށް ޚުޝޫޢަތްތެރިވެ، ބިރުވެތިވުމާއި ގުޅޭގޮތުންވެސް އާޔަތްތައް އައިސްފައިވެއެވެ.
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا وَبَشِّرِ الْمُخْبِتِينَ ﴿٣٤﴾
މާނައީ: “ނަޢަމްސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) ﷲ ގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، އިސްލާމްވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!”
الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَالصَّابِرِينَ عَلَىٰ مَا أَصَابَهُمْ وَالْمُقِيمِي الصَّلَاةِ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٥﴾
މާނައީ: “އެއުރެންނީ، ﷲގެ ނަންފުޅު ގަނެވޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށްޖެހޭ ކަންތަކަށް ކެތްތެރިވާމީހުންނެވެ. އަދި ނަމާދު ޤާއިމުކޮށް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.”
ތަޤްވާވެރިވުމުގެ އުޚްރަވީ ފައިދާތައް‘އަންނަބައު’ ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ދެއްވާނޭ ނިޢުމަތްތައް ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ لِلْمُتَّقِينَ مَفَازًا ﴾
މާނައީ: “ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.”
﴿حَدَائِقَ وَأَعْنَابًا ﴾
މާނައީ: “ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.”
﴿وَكَوَاعِبَ أَتْرَابًا ﴾
މާނައީ: “އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.”
ޙޫރުލްޢީނުންގެ ސިފަތައް އިތުރަށް ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުއް ރަޙްމާންގައި ވަޙީކުރައްވައިފައިވެއެވެ.
﴿فِيهِنَّ خَيْرَاتٌ حِسَانٌ﴾ [الرحمن: 70]
މާނައީ: “ހެޔޮކަން ބޮޑު ރީތި އަނބީން އެތާނގައިވެއެވެ.”
﴿حُورٌ مَقْصُورَاتٌ فِي الْخِيَامِ﴾ [الرحمن: 72]
މާނައީ: “ފޭލިގެތަކުގައި ނިވާވެގެންތިބޭ ޙޫރުލްޢީނުންނެވެ.”
މި ދުނިޔެމަތީގައި ތަޤްވާވެރިކަންމަތީ އުޅުނު އަޅުތަކުންނަށް ސުވަރުގޭގައި ދެއްވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ޣާޝިޔާގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿فِي جَنَّةٍ عَالِيَةٍ﴾
މާނައީ: “މަތިވެރިވެގެންވާ ސުވަރުގޭގައެވެ.”
﴿لَا تَسْمَعُ فِيهَا لَاغِيَةً﴾
މާނައީ: “(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެތެވެ.”
﴿فِيهَا عَيْنٌ جَارِيَةٌ﴾
މާނައީ: “ހިނގަހިނގާހުންނަ ފެންއާރުތައް އެތާނގައިވެއެވެ.”
﴿فِيهَا سُرُرٌ مَرْفُوعَةٌ﴾
މާނައީ: “އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ.”
﴿وَأَكْوَابٌ مَوْضُوعَةٌ﴾
މާނައީ: “އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.”
﴿وَنَمَارِقُ مَصْفُوفَةٌ﴾
މާނައީ: “އަދި އެތުރިގެންވާ ބާލީސްތައްވެސްވެއެވެ.”
ތަޤްވާވެރިވުމުގެ ދުންޔަވީ ފައިދާތައްތަޤްވާވެރިކަމުގެ ސަބަބުން ދުނިޔަވީ އެތައް ފައިދާއެއްވެސް ލިބިގެންދެއެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ފައިދާތައް ތިރީގައި ބަޔާންކޮށްލަމެވެ.
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [سورة الطلاق 4]
މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”
﴿ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا [2] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ﴾ [سورة الطلاق 2-3]
މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވެއްޖެމީހާއަށް މުޞީބާތުން ނިކުތުމުގެ މަގެއްދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނައަށް ރިޒުޤު ދެއްވާނެތެވެ.”
އީމާންވެ، ތަޤްވާވެރިވުމުގެ ސަބަބުން ރޯދި ބަރަކާތް އިތުރުވެގެންދާނެކަން އަންގަވާ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ ﴾ [سورة الأعراف 96]
މާނައީ: ”އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ، ތަޤްވާވެރިވާނަމަ، އެބައިމީހުންނަށްޓަކައި އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވާހުށީމެވެ.”
އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ތަޤްވާވެރިކަމުގެ ހެޔޮ އަސަރުތަކާއި، ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ޙައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާ މާތްﷲ އާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތް ހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.
ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.”
ނިންމުންފެށުމުގައިވެސް ދެންނެވި ފަދައިން ޙައްޖުގެ އަޅުކަމަކީ ބުރަ، އަދި ކެތްތެރިވާންޖެހޭ ދަނޑިވަޅުތައް ގިނަ އަޅުކަމެކެވެ. އަޅުކަމުގެ ބުރަކަމާއި އެއްގޮތަށް، އަޅުކަމުގެ އަޖުރުވެސް ބޮޑުވެގެންވެއެވެ. ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ.
((وَالحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّةُ)) [متفق عليه]
މާނައީ: “އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ.”
ޙައްޖާ އަދި މިނޫނަސް އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ އަޅުކަންތައްތަކަކީ ހަމައެކަނި ހަށިގަނޑުންކޮށްލެވޭ ޙަރަކާތްތަކެއް ނޫނެވެ. އެ އަޅުކަންތަކުގެ އެންމެ އިސް އަމާޒަކީ އަޅުތަކުން މާތްﷲ އާ ކުއްތަންކުރުވުމެވެ. އަޅުތަކުންގެ ތަޤްވާވެރިކަން އިތުރުކުރުވުމެވެ. ކަންމިހެންހުރިއިރު، އަޅާކުރި ޢަމަލެއް ޤަބޫލުވުމުގެ އެއް ޢަލާމަތަކީ އެ ޢަމަލުގެ ސަބަބުން އެހެން ހެޔޮޢަމަލެއްކުރަން ތައުފީޤް ލިބުމެވެ. އަދި މިގޮތަށް ޞާލިޙް ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރެވުމަކީ އަޅާގެ ޢަމަލުތައް ޤަބޫލުވެވިގެންވާކަމުގެ އެއް ޢަލާމާތްކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވާކަމުގައިވީހިނދު، މަބްރޫރު ޙައްޖެއް ލިބުމުގެ ޢަލާމާތަކީވެސް ޙައްޖުގެ އަޅުކަމުން ނިމުމަށްފަހުގައިވެސް ހެޔޮކަމާއި ތަޤްވާގެ މަގުގައި ސާބިތުވުމެވެ. އެހެނީ މާތް ﷲ ޤަބޫލުކުރައްވަނީ ތަޤްވާވެރިންގެ ކިބައިންނެވެ.
﴿قَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ﴾ [سورة المائدة 27]
މާނައީ: "އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ."
އެންމެ ހެޔޮ ކޮއްތުގެ އަހުލުވެރިންނަކީ ތަޤްވާވެރިންނެވެ. ހަޤީޤީ ބާއްޖަވެރިންނަކީ ތަޤްވާވެރީންނެވެ. ތަޤްވާވެރީންނަކީ ދެދުނިޔޭގެ ނަސީބުވެރިންނެވެ.
﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ﴾ [سورة آل عمران 185]
މާނައީ: "ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
(ނޯޓް: މިއީ "ދި ސަލަފިއްޔާ.ނެޓް" ގައި އައްޝައިޚް މުހައްމަދު މައޫން ޝަރީފް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ).