ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 210 މީހުން މަރުވެ، އިތުރު 400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.
އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާއަކީ ބަންދުގައި ތިބި އިސްރާއިލުގެ މީހުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ދިން ހަމަލާއެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޯވާ މިއުޒިކް ފެސްޓިވަލްގައި ހަމާސްއިން ހައްޔަރުކުރި ތަނުން ހަތަރު މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ހަމާސް އިން ބުނީ މި ހަމަލާގައި އިސްރާއީލުގެ ބައެއް ގައިދީން ވެސް މަރުވެފައިވާ ކަމަށެވެ.
މި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގާފަ މިވަނީ އެ ކޭމްޕުގައި ހުންނަ އދ އިން ހިންގާ ސްކޫލަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މުޅި ދުނިޔެއަށް އިސްރާއީލަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މަންޒަރު ދުށް މީހުން އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި އިސްރާއީލު ސިފައިން އެ ކޭމްޕަށް ވަދެފައިވަނީ ގެދޮރު ގެއްލިފައިވާ އާންމުންގެ ސިފައިގައި ކަމަށް ތުހުމަތު ކުރެވޭ އޮޅުވާލުމުގެ ޓެކްޓިކްސްތަކެއް ބޭނުން ކޮއްގެނެވެ. މަންޒަރު ދުށް އެހެން މީހަކު ސިފަކުރި ގޮތުގައި ފަރުނީޗަރު ހިފައިގެން ދިޔަ ޓްރަކެއް ފެނުމުން ހީވީ މީހުންތަކެއް ކޭމްޕައް ބަދަލުވަނީ ހެންނެވެ. އެއަށްފަހު އިސްރާއީލު ސިފައިން ހަމަލާދޭން ފެށުމުން ކޭމްޕުގެ ރައްޔިތުންގެ މެދުގައި މާޔޫސްކަމާ ބިރުވެރިކަން އުފެދި، އެތައް ބަޔަކު ވަނީ މަރުވެފައެވެ.
އަވަށްޓެރި ގައުމުތަކުން ވެސް ވަނީ މި ގަތުލުތަކާ ގުޅިގެން ވަރުގަދަ ރައްދުތަކެއް ދީފައެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން ވަނީ މި ހަމަލާ އަކީ އިސްރާއީލުގެ އަނިޔާވެރި ހަމަލާއެއްގެ ގޮތުގައި ކުށްވެރިކޮށް، އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް ސިސްޓަމެޓިކްކޮށް އަމާޒުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައެވެ. ހަމައެފަދައިން މިސްރުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިސްރާއީލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކެނެތު ރޮތު ވަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ބޮޑެތި އަސަރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުން ހަތް ގައިދީން މިނިވަންކޮށްފައިވާއިރު، މިހާތަނަށް ސަތޭކައަށްވުރެ ގިނަ މީހުން މަޝްވަރާކޮށްގެން ދޫކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރޮތު ވިދާޅުވީ ހަމާސްއާ އެކު ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް އޭނާ ދެކޮޅު ހައްދަވަނީ ސިޔާސީ މަގްސަދުތަކެއްގެ ސަބަބުން ކަމަށާއި، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސް ފެއިލްވި ކަމުގެ ބިރު އޮތުމުން ކަމަށެވެ.
ޣައްޒާގެ ހާލަތު ގޯސްވަމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުވުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ.