ސިނަމާލެ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފިއެވެ. މާލެ ސިޓީ ކައުންސިލުން ރޭ ވިދާޅުވީ ކޭބަލް ކަނޑާލައި ވަގަށް ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސިނަމާލެ 3 އެޕާޓްމަންޓް އިމާރާތުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިހާރު އެ މައްސަލަ ވަނީ ހައްލުވެފައެވެ.

މި ފަދަ ކަންތައް ކުރާ ފަރާތަށް ހޯދާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މާލޭ ހިޔާ އާއި ސިނަމާލެ ފްލެޓްތަކުން ވައްކަމާއި އެ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ކަންބޮޑުވުން އެ ފްލެޓްތަކުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ފުޑް ކޯޓު ކައިރި ރިންގް ރޯޑުގައި ހުރި ބައްތިތަކުގެ ކޭބަލްތައް ވެސް ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.