ބޭކިން ސޯޑާއަކީ ސާފުކުރުމަށް ޓަކައި އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ދަތް ސާފު ކުރުމުގެ އިތުރުން ބޫޓުތަކުން ދުވާ ނުބައި ވަސް ނައްތާލުމަށް ވެސް ބޭކިން ސޯޑާ ބޭނުން ކުރެއެވެ. މި ހުރިހާ ކަމެއްގެ އިތުރުން ބޭކިން ސޯޑާއަކީ ފާހާނަ ތަށީގެ ޓޭންކް ސާފު ކުރަން ބޭނުންކުރެވޭ އެއްޗެކެވެ. އާއްމު ގޮތެއްގައި ސާފު ނުކޮށް ބަހައްޓާ މި ޓޭންކުތައް "އާ" ކޮށްލުމަށް ބޭކިން ސޯޑާއަކީ ދެވަނައެއް ނެތް ފަދަ އެއްޗެކެވެ.

ފާހާނަ ތަށީގެ ޓޭންކަކީ މީހުން އާއްމު ގޮތެއްގައި ސާފު ކުރުމަށް އެހާ އަހައްމިއްޔަތުކަން ދޭ އެއްޗެއް ނޫނެވެ. ފާހާނަ ތަށީގެ ޓޭންކުގައި މައްޗެއް ޖަހާފައި ހުރި ކަމުގައިވިއަސް ޓޭންކުގެ އެތެރެ ހަޑިވެއެވެ. ސާފުނުކޮށް ގިނަ ދުވަސް ވުމުން ޓޭންކުގެ އެތެރޭގައި ދަބަރު ޖެހުމާއި ފެހި ޖެހުން ފަދަ އެތައް ކަމެއް ކުރިމަތި ވެއެވެ.

ތަށީގެ ޓޭންކު ހަޑިވުމުން ތަށީގެ ބޭރަށް ވެސް އޭގެ އަސަރުކުރެެއެވެ. ތަށީގެ އެތެރެއަށް ފެން އެޅެނީ ޓޭންކުން ކަމަށް ވާތީ, ޓޭންކުން އަންނަ ފެން ހަޑި ނަމަ ތަށީގެ އެތެރެ ހަޑިވެ, ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ.

ފާހާނަ ތަށި ސާފު ކުރަން ބޭކިން ސޯޑާ ބޭނުން ކުރާނެ ގޮތް:

ފާހާނަ ތަށީގެ ޓޭންކު ސާފު ކުރަން ބޭކިން ސޯޑާ ބޭނުން ކުރުމަށް ޓަކައި ފުރަތަމަ ޖެހޭނީ ޓޭންކު ހުސްކޮށްލާށެވެ. މި ކަން ކުރުމަށް ޓަކައި ޖެހޭނީ ޓޭންކަށް ފެން ދޫކުރާ އިސްކުުރު ބަންދުކޮށް, ތަށި އެއް ފަހަރު ފްލެޝް ކޮށްލާށެވެ. ޓޭންކު ހުސްވުމުން ޖޯޑެއްގެ ދެބައި ކޮށްފަ އެއްބައިގެ ބޭކިން ސޯޑާ ޓޭންކަށް އަޅާލާށެވެ. އެއަށް ފަހު ބޮޑު ބުރުހަކުން ޓޭންކު ސާފު ކުރާށެވެ. ޓޭންކު ސާފު ކޮށް ނިމުމުން ޓޭންކަށް ފެން ދޫކުރުމަށް ފަހު ޓޭންކު ފުރުމުން ފާހާނަ ތަށި ފްލެޝް ކޮށްލާށެވެ.

ފާހާނަ ސާފުކުރާއިރު ފާހާނަ ތަށީގެ އިތުރުން ޓޭންކު ވެސް ސާފު ކުރަން އާދަކުރަމާއެވެ. ޓޭންކަކީ ފާހާނަ ތަށްޓައް ބޭނުން ކުރާ ފެން ރައްކާ ކުރާ ތަނަށް ވާތީ އެ ޓޭންކު ހަޑިނަމަ ފާހާނަ ތަށްޓައް އިތުރު މައްސަލަތަކާ ކުރިމަތި ލާން ޖެހިދާނެއެވެ. ބޭކިން ސޯޑާ ބޭނުން ކޮށްގެން ފާހާނަ ތަށީގެ ޓޭންކު ސާފު ކުރާ ނަމަ ފާހަނަ ތަށި އިތުރަށް ސާފުވުމުގެ އިތުރުން, އެ ތަށިން ދުވާ ނުބައި ވަސްތައް ވެސް ނައްތާލައެވެ.