އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވި އިންޑިއާގެ އަވައްޓެރި ގައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައެވެ.
މި ޖާފަތުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.