އުމުރުން 45 އަހަރުގެ ފަރީދާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.އޭއެފްޕީން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ ހުކުރު ދުވަހު ރެޓިކިއުލެޓެޑް ޕައިތަންގެ ބަނޑުތެރެއިން އޭނާގެ ފިރިމީހާ އާއި އިންޑޮނޭޝިޔާގެ ސައުތު ސުލަވޭސީ ޕްރޮވިންސްގެ ކަލެމްޕަންގް އަވަށުގެ ރައްޔިތުންނަށެވެ.
ހަތަރު ކުދިންގެ މަންމަ ފަރީދާ ހޯދުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހުގެ ރޭ, އޭނާ ބޭރަށް ދިޔަ ގޮތަށް ގެއަށް އައުން ލަސްވެގެން ކަމަށް އެ ރަށުގެ ވެރިޔާ ސުއާދީ ރޯސީ އޭއެފްޕީއަށް ވިދާޅުވި އެވެ.
ފަރީދާގެ ފިރިމީހާއަށް އޭނާގެ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ވަލުތެރެއިން ފެނުމުން އަނބިމީހާ ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑުވިއެވެ.
"އެއަށް ފަހު ރަށުގެ މީހުން އެ ސަރަހައްދު ބަލައިފާސްކުރި. މާގިނައިރެއްނުވެ އެމީހުންނަށް ފެނުނީ ބޮޑު ބަނޑެއް ހުރި ޕައިތަންއެއް" ސުއާދީ އޭއެފްޕީއަށް ބުންޏެވެ.
"އެމީހުން އެއްބަސްވީ ޕައިތަންގެ ބަނޑު ފަޅާލަން. ބަނޑު ފަޅާލުމާއެކު ފަރީދާގެ ބޯ ވަގުތުން ފެންނަން އޮތް" ސުއާދީ މައުލޫމާތު ދެއްވިއެވެ.
ފަރީދާގެ ފިރިމީހާ ނޯނީ ބުނީ އޭނާގެ އަންހެނުން އަމިއްލައަށް ބޭރަށް ދާން ދޫކޮށްލެވުނީތީ ހިތާމަ ކުރާކަމަށެވެ.
"އެ ދުވަހު އަހަރެން އޭނާއާ އެކު އުޅުނު ނަމަ ހަރުފައަށް އޭނާގެ ގައިގައި އަތްލާކަށް ނުކެރުނީސް،" ނޯނީ ބުންޏެވެ.
"އޭނާ ކުރިމަތިލާން ޖެހުނު ތަކުލީފުތަކާ މެދު ހިތާމަކުރަން. އަހަރެމެންގެ އާއިލާއާ މެދު ހިތާމަކުރަން،" އޭނާ ބުންޏެވެ.
މިފަދަ ހާދިސާތަކަކީ ގަބޫލުކުރަން ދަތި, މަދު ހާދިސާތަކެއް ނަމަވެސް މިއީ އިންޑޮނޭޝިއާގައި އަޑުއިވިފައި ނުވާ ހާދިސާތަކެއް ނޫނެވެ.
މިދިޔަ އަހަރު ސައުތުއީސްޓް ސުލަވޭސީގެ ޓިނަންގޭއާ ޑިސްޓްރިކްޓުގައި 26 ފޫޓުގެ ދިގު ޕައިތަންއެއް ވަނީ ލޯކަލް ދަނޑުވެރިއެއްގެ ކާލާފައެެވެ. 2018 ވަނަ އަހަރު އިރުދެކުނު ސުލަވޭސީގެ މުނާ ޓައުންގައި 23 ފޫޓު ދިގު ހަރުފައެއްގެ ތެރޭގައި މަރުވެފައި އޮއްވާ 54 އަހަރުގެ އަންހެނެކު މަރުވެފައި އޮއްވާ ފެނުނެވެ. އަދި އޭގެ ކުރީ އަހަރު ހުޅަނގު ސުލަވޭސީގެ ދަނޑުވެރިއަކު ގެއްލިގެން ހޯދިއިރު އޭނާ ފެނުނީ 13 ފޫޓުގެ ޕައިތަންއެއްގެ ބަނޑުންނެވެ.
ރެޓިކިއުލެޓެޑް ޕައިތަން އަކީ ދުނިޔޭގެ އެންމެ ދިގު ހަރުފައިގެ ގޮތުގައި ބެލެވޭ ހަރުފަ ކަމަށާއި، މިއީ އިންޑޮނޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ބޯނިއޯ އަށް ނިސްބަތްވާ ހަރުފައެކެވެ. މިހާތަނަށް ފެނުނު އެންމެ ދިގު ރެޓިކިއުލެޓެޑް ޕައިތަންގެ ދިގުމިނަކީ 32 ފޫޓު ކަމަށާއި ބަރުދަނުގައި ގަބޫލުކުރަން ދަތި 350 ޕައުންޑް ކަމަށް ރެޕްޓައިލްސް މެގަޒިން އިން ބުނެ އެވެ. އޭގެ ގުދުރަތީ ކާނާއަކީ މައިގަނޑު ގޮތެއްގައި ރޮޑެންޓްސް ނަމަވެސް ބޮޑެތި ހަރުފަތަކަކީ ބިހާއި ސިވެޓްސް އާއި ބެއާކެޓް އަދި ޕްރައިމެޓްސް ވެސް ކަައި އުޅެއެވެ.