މިއަހަރުގެ މެއި މަހު ޒަކާތު ފަންޑުން 180 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ފަންޑުބޭނުން ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި 5 ކެޓަގަރީއަކަށް ބަހާލައިގެން ފަރުވާ ހޯދަމުންދާ ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އޭގެ ތެރޭގައި ކެންސަރަު، ހިތުގެ އޮޕަރޭޝަންތަކާއި ކިޑްނީގެ ބަލިތަކާއި ސިކުނޑީގެ އޮޕަރޭޝަންތައް އަދި އެހެނިހެން ބަލިތައް ހިމެނެއެވެ.

ޒަކާތު ފަންޑުން 454،574.50 ރުފިޔާ ކެންސަރަށް ފަރުވާ ހޯދުމަށް ބޭނުންކޮށްފައިވާއިރު ހިތުގެ އޮޕަރޭޝަންތައް ކުރާ މީހުންނަށް އެހީވުމަށް 67،848 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން އެ ފަންޑުން ވަނީ ކިޑްނީގެ އެކި ބަލިތަކަށް ފަރުވާ ހޯދުމަށް 89،050.50 ރުފިޔާ އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް 72،088.50 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެހީވުމަށް އެ ފަންޑުން ވަނީ ޖުމްލަ 619،113 ރިޔިޔާ ހަރަދުކޮއްފައެވެ.

މީގެ އިތުރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ޒަކާތު ހައުސްގެ އިތުރު ޚަރަދުތަކުގެ ތަފްސީލުވެސް ވަނީ ދީފައެވެ. އެގޮތުން ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ޖުމްލަ 262،2666 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޒަކާތު ހައުސްއިން ބުނީ މެއި މަހު ކުރި ޚަރަދުތަކުގެ ތެރޭގައި އޭޕްރީލް މަހު އެހީ ދޫކުރި ބައެއް ޕޭޝަންޓުންގެ ޚަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.

އަދި މެއި މަހު ފިތުރު ޒަކާތުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަކީ އިދާރީ މައްސަލަތަކާއި އެކައުންޓްތަކާ ގުޅޭ މައްސަލަތަކުގެ ސަބަބުން ރައްދުނުކުރެވިފައިވާ ފަރާތްްތަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 41،937.71 ރުފިޔާ ދޫކޮށްފައިވާ ކަމައްވެސް ޒަކާތު ހައުސްއިން ބުނެއެވެ.

ފިތުރު ޒަކާތް ނެގުމާއި ބެހުމަކީ ކުރިން އިސްލާމިކް މިނިސްޓްރީން ކުރަމުން އައި ކަމެއް ނަމަވެސް މިހާރު އެއީ މޯލްޑިވްސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ. ރައީސުލްގުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ޒަކާތު ހައުސް އުފައްދައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ޒަކާތު ހައުސް ހުޅުވައިފައެވެ.