"ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވްސް" ޕްރޮޖެކްޓު ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓު އިފްތިތާޙްކޮށްފިއެވެ.
މިއީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
މި މަޝްރޫއަކީ ހުޅަނގު ދެކުނު އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ހެކިތަކަށް ބިނާކޮށް މަސްވެރިކަމުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި މި ސަރަހައްދުގެ މަސްވެރިކަމުގައި ދިވެހިރާއްޖޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އަޙްމަދު ޝިޔާމް އިތުރަށް ވިދަޅުވީ މިއީ މަސްވެރިކަމުގެ ދާއިރާއިން ވޯލްޑު ބޭންކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އަދި މަޝްރޫއުގެ ކާމިޔާބީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ޕްރޮޖެކްޓަށް ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރެއިން ދިވެހިރާއްޖެ އަށް ކަނޑައަޅައިފައިވަނީ 52.8 މިލިއަން ޑޮލަރެވެ. ބާކީ 12 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ އިންޑިއަން އޯޝަން ކޮމިޝަނަށެވެ. ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ބަޖެޓްގެ 50 ޕަސަންޓު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު ބާކީ 50 ޕަސަންޓަކީ ލޯނު އެހީއެވެ.
މި މަޝްރޫއުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ރާއްޖެއާއި ހުޅަނގު ދެކުނު އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަމަށް ވިޔަފާރި ރަނގަޅުކުރުމަށް ވާދަވެރިކަމާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރު އިންޑިއާ ކަނޑުގެ ހުޅަނގު-ދެކުނު ސަރަހައްދުގެ ގައުމުތަކުގެ މަސްވެރިކަމުގެ ސިނާޢަތް ބާރުވެރި ކުރުމަށްޓަކައި ދިރާސާ އާއި ސައިންސް ބޭނުންކުރާ މިންވަރު އިތުރުކުރުން ހިމެނެެވެ. މީގެ އިތުރުން މަސްވެރިކަން ހިންގުމާއި ބެލެހެއްޓުމަށް ސަރަޙައްދީ ކެޕޭސިޓީ ހަރުދަނާކުރުމުގެ ކެޓެލިސްޓެއްގެ ގޮތުގައި ރާއްޖެއަށް އެހީތެރިވުންވެސް ހިމެނިގެންދާނެއެވެ.
މި ޕްރޮޖެކްޓުގެ މުއްދަތަށް ކަނޑަައަޅާފައިވަނީ 09 އޯގަސްޓް 2023 އިން ފެށިގެން 31 ޑިސެންބަރު 2030 ގެ ނިޔަލަށް ހަތް އަހަރު ދުވަހެވެ.