ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސްއާއި، އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ.

އަދި އެއްގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެގައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައި، އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ހާއްސަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ. އަދި ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ގަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސްއާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވަނީ، އެކަމަށް ވަރަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސްއާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ނިމިދިޔަ ދައުރުގައި ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މަގާމު އަދާކުރައްވާފައެވެ. އަދި އެ މަގާމުގައި ހިދުމަތްކުރެއްވި ދުވަސްތަކުގައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް އެމަނިކުފާނުވަނީ ދަމަހައްޓަވައިފައެވެ.