މިޔަންމާގެ ބައިމަދު ނަސްލުތަކާއި، ދީންތަކުގެ މީހުންވެސް އަސްކަރީން ގެނައި ބަޣާވާތާ ދެކޮޅުހެދުމަށް މަގުތަކަށް ނުކުމެއްޖެއެވެ.

ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ މަދަނީ ވެރިކަން، މި ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު އެގައުމުގެ އަސްކަރީން ވައްޓާލައި، ވެރިކަމަށް އަތްގަދަ ކުރުމުން މިޔަންމާގެ ރައްޔިތުން ގެންދަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

އެމީހުން ބުނަމުންދަނީ، މުޒާހަރާކޮށް އަސްކަރީން ގެނައި ބަޣާވާތް ބަލި ނުކުރެވިއްޖެނަމަ އެމީހުން މުޅި އުމުރު ދުވަހުވެސް އުޅޭންޖޭހޭނީ ހުދުމުޚުތާރު އަސްކަރީންގެ އަޅުވެތިކަމުގެ ދަށުގައި ކަމަށެވެ.

ބަޣާވާތާ ދެކޮޅަށް ބުދިސްޓުން ކުރާންފެށި މުޒާހަރާގައި، މިޔަންމާގެ ބައިމަދު ނަސްތުކާއި، ދީންތަކުގެ މީހުންވެސް މިހާރުވަނީ ބައިވެރި ވެފައެވެ.

ހަސަދަވެރިކަމާއި، ނަފްރަތާއި ދެކޮޅުވެރިކަން ކުރިން އޮތްނަމަވެސް، އެ ހުރިހާ ކަމެއް އެއްފަރާތްކޮށް، އަސްކަރީ ބަޣާވާތާ ދެކޮޅު ހެދުމަށް މިޔަންމާގެ ކްރިސްޓިއަނުންނާއި، މުސްލިމުންގެ އިތުރުން، ހިންދޫންވެސް މިހާރުވަނީ މަގުތަކަށް ނުކުމެފައެވެ.

މިޔަންމާގެ ބޮމުގެ ބޮޑެތި ސަރަހައްދުތަކެއް މިހާރުވެސް ކޮންޓްރޯލް ކުރަމުންދާ، ބައިމަދު ނަސްލުތަކުގެ ހަތިޔާރުއެޅި ޖަމާއަތްތަކުންވެސް މިހާރުވަނީ މުޒާހަރާ ކުރާ މީހުންނަށް ތާއީދުދޭކަން ހާމަކޮށް އެކަން އިއުލާން ކޮށްފައެވެ.

ބައިމަދު ނަސްލުތަކާއި، ދީންތަކުގެ މީހުންނާއި، މަގުތަކަށް ނުކުމެފައިވާ ބުދިސްޓުން ގެންދަނީ، އިސްކަރީންގެ ވަރުގަދަ އިންޒާރުތަކާ އެކުވެސް ހުއްޓާނުލައި މުޒާހަރާތައް ކުރަމުންނެވެ.

އަދި މަދަނީ ބަސްނޭހުމުގެ ފުޅާ ހަރަކާތެއްވެސް މިޔަންމާގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އަސްކަރީ ވެރިން ފުލުހުން ނެރެގެން މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކުރި ނަމަވެސް، މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ ހުއްޓާނުލާނޭ ކަމަށެވެ. ހަމަ އެއާއެކު، އާންމު ހައްޔަރުކުރާ މަންޒަރު ބަލަން ނުތިބޭނޭ ކަމަށްވެސް އިންޒާރު ކުރަމުން ގެންދެއެވެ.

53 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ މިޔަންމާގެ ހުރިހާ ހިސާބެއްގައިވެސް އާންމުން ގެންދަނީ އަސްކަރީ ބަޣާވާތާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އެމީހުން ގޮވަމުން ގެންދަނީ، އަންގް ސަން ސޫކީ ބަންދުން މިނިވަންކޮށް ވެރިކަމުގެ ބާރުތައް އޭނާއާ ހަވާލުކޮށް އަސްކަރީ ވެރިކަން އަމާން ދިނުމަށެވެ.