އަބްދުﷲ ބުން އަމްރު رضي الله عنه އަކީ މަޝްހޫރު ސަހާބީ ބޭކަލެއް ކަމަށްވާ އަމްރު ބުން ޢާޞް رضي الله عنه ގެ ދަރިކަލުންނެވެ. އަބްދުﷲ ބުން އަމްރުއަކީ ވަރަށް ދީންވެރި ބޭކަލެކެވެ. އޭނާއަކީ ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރެވޭތޯ ބައްލަވާބޭފުޅެކެވެ. އޭނާގެ ދީންވެރި ކަމުގެ ސަބަބުން އޭނާ ކައިވެނި ބައްލަވައިގަތީ ވެސް އޭނާގެ ބައްޕަގެ އަމުރުފުޅަށެވެ.

އަބްދުﷲ ބުން އަމްރު رضي الله عنه ކައިވެނި ބައްލަވައިގަނެ އޭނާގެ އަނބިކަބަލުންނާއެކު ދިރިއުޅެން ފެއްތެވިއެވެ. މިއީ ކައިވެނީގެ ފުރަތަމަ ރެއެވެ. އަބްދުﷲ ބުން އަމްރު އޭނާގެ އަނބިކަބަލުންނާއި އެކީ ވަގުތު ހޭދަ ކުރުމުގެ ކުރިން އޭނާ އަނބިކަބަލުން ކިބައިން ދެ ރަކުއަތުގެ ނަމާދެއް ކޮށްލުމުގެ ހުއްދައަށް އެދުނެވެ. އޭނާގެ އަނބިކަބަލުން އެކަމަށް އިޒުނަ ދެއްވުމުން އޭނާގެ ނަމާދު އޭނާ ފެއްޓެވިއެވެ. ނަމަވެސް އަބްދުﷲ ބުން އަމްރު رضي الله عنه ނަމާދުގައި ހުޝޫއަތްތެރިވެ ހުންނެވިވަރުގެ ސަބަބުން އޭނާގެ އަނބިކަބަލުން މަތިން އޭނާ ހަދުމަފުޅު ނެތިއްޖެއެވެ. ދެން މިހެން ގޮސް ފަތިސް ނަމާދުގެ ބަންގިއާ ހަމަޔަށް އޭނާ ހުންނެވީ ނަމާދުގައެވެ. ދެން އޭގެ އަނެއްދުވަހު އަބްދުﷲ ބުން އަމްރު رضي الله عنه ހުންނެވީ އަންބިކަބަލުންނާއެކު ރޭގަނޑު ވަގުތު ހޭދަކުރުމަށް އަމިއްލަ ނަފުސަށް ވަރުގަދަ އަޒުމެއް ކަނޑައަޅުއްވައިގެނެއެވެ. ދެން ކައިވެނީގެ ދެވަނަ ރޭވެސް އަބްދުﷲ ބުން އަމްރު رضي الله عنه އޭނާގެ އަނބިކަަބަލުން ކިބައިން ދެ ރަކުއަތުގެ ނަމާދެއް ކުރުމުގެ އިޒުނައަށް އެދުނެވެ. އަނބިކަބަލުންގެ އިޒުނައާއި ނަމާދު ފައްޓަވައި މިފަހަރުވެސް އަނބިކަބަލުން މަތިން ހަދުމަފުޅު ނެތިއްޖެއެވެ. ނަމާދަށް ހުންނަވަނިކޮށް ފަތިސް ނަމާދަށް ބަންގިދީފިއެވެ. ދެން މިކަހަލަ ގޮތަކަށް ތިން ރޭ ފާއިތުވެއްޖެއެވެ.

ތިންރޭ ފާއިތުވުމަށް ފަހު އަބްދުﷲ ބުން އަމްރު رضي الله عنه ބައްޕާފުޅު އަމްރު ބުން ޢާޞް رضي الله عنه އޭނާގެ ދަރިކަލުންގެ ކައިވެނީގެ ހާލަތު ބައްލަވައި ލެއްވުމަށް ވަޑައިގަތެވެ. އަމްރު ބުން ޢާޞް رضي الله عنه، އަބްދުﷲ ބުން އަމްރު رضي الله عنه ގެ އަނބިކަބަލުން ކުރެން ކައިވެނީގެ ހާލަތު އެއްސެވިއެވެ. ދެން އަންބިކަބަލުން މިވާހަކަތަށް ކިޔައިދެއްވިއެވެ. މިވާހަކަ އަޑުއިވުމުން އަމްރު ބުން ޢާޞް رضي الله عنه، އަބްދުﷲ ބުން އަމްރު رضي الله عنه ގެ ކަނދުރާގައި ހިއްޕަވައިގެން ރަސޫލާ صلي الله عليه وسلمގެ އަރިހަށް ގެންދެވިއެވެ.

ރަސޫލާ صلي الله عليه وسلم އަށް މިވާހަކަތަށް އަޑުއިވުމުން އެކަލޭގެފާނު އަބްދުﷲ ބުން އަމްރު رضي الله عنه ކިބައިން އެއްސެވިއެވެ. "ތިބާ މުޅިރޭ ނަމާދުގައި ހޭދަކޮށް، މުޅި ދުވާލު އެއްކޮށް ރޯދަ ހިއްފަނީހެއްޔެވެ." ދެން އަބްދުﷲ ބުން އަމްރު رضي الله عنه ޖަވާބުގައި ވިދާޅުވިއެވެ. "އާދޭހެވެ،" ދެން ރަސޫލާ صلي الله عليه وسلم ހަދީޘް ކުރެއްވިއެވެ. " އެހެން ނަހައްދަވާށެވެ. ރޭގަނޑު ނަމާދުކޮށް ރޭގަނޑު އަވަހާރަފުޅު ލައްޕަވާށެވެ. އަދި ދުވަސް ކޮޅެއް ވަންދެން ރޯދަ ހިއްޕަވާފަ ދުވަސް ކޮޅެއް ވަންދެން ރޯދަ ނުހިއްޕަވާ މަޑުކޮށްލާށެވެ. އެއީ ތިބާގެ ހަށިގަނޑަށް ތިބާގެ މައްޗަށް ހައްގެއް އޮވެއެވެ. އަދި ތިބާގެ ލޯ ތިބާގެ މައްޗަށް ހައްގެއް އޮވެއެވެ. އަދި ތިބާގެ މެހެމާނުން ތިބާގެ މައްޗަށް ހައްގެއް އޮވެއެވެ. އަދިތިބާގެ އަނބިކަބަލުން ތިބާގެ މައްޗަށް ހައްގެއް އޮވެއެވެ. ތިބާގެ އުމުރު ދިގުކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ. އަދި މަހަކު ތިން ދުވަހު ރޯދައަށް ހުރުމުން ފުދެއެވެ. އެއީ ކުރާކޮންމެ ހެޔޮ ކަމެއްގެ ޘަވާބު ދިހަ ގުނައަށް އިތުރުވެއެވެ. އޭރުން ތިބާ މުޅިއަހަރު ދުވަހު ރޯދަ ހިފި ފަދައެވެ." ދެން އަބްދުﷲ ބުން އަމްރު رضي الله عنه ވިދާޅުވިއެވެ. "ތިމަންނާއަށް އެއަށްވުރެގިނައިން ހިފޭނެއެވެ." ދެން ރަސޫލާ صلي الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ހަފްތާއަކު ތިން ދުވަހު ރޯދަ ހިއްޕަވާށެވެ." ދެން އަނެއްކާވެސް އަބްދުﷲ ބުން އަމްރު رضي الله عنه ވިދާޅުވިއެވެ. "ތިމަންނާއަށް އެއަށްވުރެގިނައިން ހިފޭނެއެވެ." ދެން ރަސޫލާ صلي الله عليه وسلم ހަދީޘް ކުރެއްވިއެވެ. " މާތްﷲގެ ރަސޫލާ ދާވޫދު عليه سلام ރޯދައ ހިއްޕެވި ބީދައިން ރޯދަ ހިއްޕަވާށެވެ. އަހަރެއްގެ ދެބައި ކުޅައެއްބައެވެ. ( ނޯޓް: ދާވޫދު عليه سلام ރޯދަ ހިއްޕެވީ ދެދުވަހުން އެއްދުވަހެވެ)" މިއަށްވުރެގިނައިން ރޯދައަށް ހުރުމުގެ ހުއްދަ ރަސޫލާ صلي الله عليه وسلم ނުދެއްވައެވެ.

މިވާހަކައިން ލިބޭ އިބުރަތަކީ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަ އަޅައިގެން ދިއުމަކީ ރަނގަޅުގޮތެއް ނޫންކަމެވެ. މިއަދު ގިނަ މީހުން ދުނިޔެވީ ކަންކަމަށް ދެވިހިފައި ހައްދު ފަހަނަ އަޅާދަނީއެވެ. އަދި ބައެއް މީހުން އަޅުކަމާއިގެން ގޮސް މީހުންގެ ހައްގުތަށް މަތިން ހަނދާން ނެތެނީއެވެ. މީގެން ދެ ގޮތަކީވެސް ރަނގަޅު ގޮތެއްނޫނެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެއެވެ. ދީނުގައި ވިޔަސް ހައްދުފަހައަޅައި ގޮސްގެން ނުވާނެއެވެ. އެހެން މީހުންގެ ހައްގުތައް ހަނދާން ނައްތައިލައިގެން ނުވާނެއެވެ. އަދި އަދާކުރަން ޖެހޭ ޒިންމާތަށް ވެސް ހަނދާ ނައްތާލައިގެން ނުވާނެއެވެ.