ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ހިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.
މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސް އިއުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިގުތިސާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކެންޕެއިންގައި އެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، އޭގެ ފަހުން 'ރައީސްގެ ޖަވާބު' ސިލްސިލާގައި، 15 ފެބްރުވަރީ 2024 ގައި، ކ.މާފުށީ، ޖަންބުމާގޭ، އަހުމަދު ސަމީރު، ރައީސް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވާނެ ތާރީހަކާ ބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، މިއަހަރު ވީހައިވެސް އަވަހަކަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށަން މަސައްކަތް ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރައްވައި، ފައިސާގެ މުޢާމަލާތްތައްކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުސޫލުތައް ތައާރަފްކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ވަނީ ފައްޓަވައިފައެވެ. އަދި މި ވޭތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް މިކަމުގައި ވަނީ ކުރައްވައިފައެވެ.