މިއަދު ފަތިހު ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ ޗަޓުޗަކް ޑިސްޓްރިކްޓްގެ ޕެޓް މާރުކޭޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޕެޓްސް ގޮތުގައި ވިއްކަން ބަހައްޓާފައި ހުރި އެތައް ހާސް ޖަނަވާރު މަރުވެއްޖެއެވެ.

މީގަ ތެރޭގައި އެތަކެއް އަގުބޮޑު "އެކްޒޮޓިކް ޕެޓްސް" ވެސް ހިމެނެއެވެ.

ޗަޓުޗަކް ޑިސްޓްރިކްޓް އޮފީހުން ބުނީ އަލިފާން ރޯވާން ފެށީ މިއަދު ފަތިހު 4:10 ހާއިރު ސްރީ ސޮމްރަތު މާރުކޭޓުގައި ކަމަށާއި އެތަނުގައި 1،400 އަކަ މީޓަރުގެ ސަރަހައްދެއްގައި 118 ޕެޓް ފިހާރަ ހުރި ކަމަށެވެ. މި މާރުކޭޓު އޮންނަނީ ޖޭޖޭ މޯލް ޝޮޕިން ސެންޓަރުގެ ފަހަތުގައެވެ.

އެތައް ލޯކަލް ސްޓޭޝަންތަކަކުން ފަޔަރ ފައިޓަރުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ނެގިއެވެ.

ފިހާރަތަކުގެ ވެރިފަރާތްތަކުން ބުނި ގޮތުގައި ގިނަ އަދަދެއްގެ ޖަނަވާރު ގެއްލުނު އިރު އޭގެ ތެރޭގައި އޯނަމެންޓަލް މަހާއި ބުޅަލާއި، ކުއްތާއާ، އެކި ވައްތަރުތަކުގެ ދޫނި، ރާންބާ މަކުނު އަދި އެތައް ހަސް ޑޮލަރަށް ވިކޭ އެގްޒޮޓިކް ޕެޓްސް ހިމެނެެއެވެ.

އަލިފާން ރޯވާން ފެށީ ކުއްތާ ފިހާރައެއްގައި ކަމަށާއި އެފިހާރައިގެ ވެރިފަރާތުން އާންމުކޮށް ޖަނަވާރުންގެ ހިތްހަމަޖެހުން ކަށަވަރުކުރަން މުޅި ރޭ ކަރަންޓް ފަންކާ ޖައްސާފައި ބަހައްޓާކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ. މާރުކޭޓް ސަރަހައްދުން ފެތުރިފައިވާ އަލިފާނުގެ ހާދިސާގައި އެތައް ހާސް ޖަނަވާރުތަކެއް މަރުވެފައިވާ ކަމަށް އެމީހަ ގަބޫލުކުރެއެވެ.

ޗަޓުޗަކް ޑިސްޓްރިކްޓް އޮފީހުގެ އޮފިޝަލުން ގެންދަވަނީ މާރުކޭޓާއި ވަކިވަކި ވިޔަފާރިވެރިންނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ.