އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރީން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ގައުމީ މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ދައުވަތު ދެއްވީތީ އުފާކުރައްވާކަމަށާއި އަދި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާކަމުގައެވެ. މީގެ އިތުރުން ދެގައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭގޮތަށްކަން ފާހަގަކުރައްވައި ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.