ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތްތައް ދިނުން ކުރިއަށްދާނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަ ކުރި ގޮތުގައި ޕާސްޕޯޓަށް އެދި ހުށައެޅުން 17 ޖޫން ވާ ދުވަހުން ފެށިގެން 20 ޖޫންގެ ނިޔަލަށް އިމުގާ ޕޯޓަލް މެދުވެރިކޮށް ކުރިއަށް ދާނެއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މި މުއްދަތުގައި ކޮންމެ ދުވަހަކު 24 ގަޑިއިރު މި ހިދުމަތް ލިބިގެންދާނެއެވެ.

އިމިގްރޭޝަނުން ވަނީ, 65 އަހަރުން މަތީ ބޭފުޅުންނަށާއި އިމަޖަންސީ ހާލަތްތަކުގައި އިމިގްރޭޝަނުގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. އިމިގްރޭޝަނުގެ އޮފީހަށް ހާޒިރުވެގެން ނުވަތަ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މި ހިދުމަތް 12:00 އިން 12:45 އަށް މެދު ކެނޑޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އަވަސް ހިދުމަތް ބޭނުންވާނަމަ 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.