ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ޑިރެކްޓަރ ޓިމް ކަރޓިސްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ، އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޓިމް ކަރޓިސްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމަށްފަހު ޓިމް ކަރޓިސް ވަނީ ގައުމީ ދާރުސްއާސާރަށް ޒިޔާރަތް ކުރައްވައި ދާރުލްއާސާރު ބައްލަވައިލައްވާފައެވެ. ޓިމް ކަރޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.