މި ދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގައި ސިންގަޕޯ އެއާލައިނުގެ ފްލައިޓް SQ321 ގައި ހާލުގައި ޖެހުނު ފަސިންޖަރުންނަށް ކޮމްޕެންސޭޝަންގެ ގޮތުގައި ފައިސާ ދިނުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
ފްލައިޓު SQ321 އަކީ މި ދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ލަންޑަނުން ސިންގަޕޯއަށް ދަތުރު ކުރި ފްލައިޓެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ކޮޅިގަނޑެއްގައި އެ ފްލައިޓުގައި ދަތުރު ކުރި ފަސިންޖަރުންނަށް ވަނީ އެކި ވަރުގެ އަނިޔާތަކެއް ލިބިފައެވެ. އަދި މި ހިތާމަވެރި ހާދިސާގައި ފަސް ފަސިންޖަރުންނަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު އިރު, އެއް ފަސިންޖަރަކު ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން މިއަދު ސިންގަޕޯ އެއާލައިނުން ނެރުނު ބަޔާނުގައި ވަނީ, އެ ހިތާމަވެރި ހާދިސާ ތަހައްމަލު ކުރަން ޖެހުނު ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ. އެ އެއާލައިނުން ވަނީ 10 ޖޫން ވީ ހޯމަ ދުވަހު އެ ފްލައިޓުގެ ހުރިހާ ފަސިންޖަރުންނަށް ކޮމްޕެންސޭޝަންގެ ގޮތުގައި ފައިސާ ދީފައިކަން ޔަގީން ކޮށްދީފައެވެ.
ސިންގަޕޯ އެއާލައިނުން ވަނީ, ފްލައިޓް SQ321 ގައި އެ ދުވަހު ހާލުގައި ޖެހުނު ފަސިންޖަރުންގެ ތެރެއިން ކުދި އަނިޔާ ލިބުނު ފަސިންޖަރުންނަށް 10,000 ޑޮލަރު ދީފައެވެ. ބޮޑެތި އަނިޔާތަކާ ކުރިމަތި ލާން ޖެހުނު ފަރާތްތަކަށް, ކޮމްޕެންސޭޝަންގެ ގޮތުގައި އެ ފަރާތުން ބޭނުންވާ ފައިސާގެ އަދަދަކާ މެދު މަޝްވަރާ ކުރުމަށް އެ އެއާލައިނުން ވަނީ ދައުވަތު އަރުވާފައެވެ. މީގެ އިތުރުން އެ ފަރާތްތަކަށް ވަނީ އެޑްވާންސް ޕޭމަންޓްގެ ގޮތުން 25,000 ޑޮލަރު ދީފައެވެ.
އެ ފްލައިޓުގައި ދަތުރު ކުރި ހުރިހާ ފަރާތްތަކުގެ ފްލައިޓު ޓިކެޓްގެ އަގު ސިންގަޕޯ އެއާލައިނުން ވަނީ މައާފުކޮށްފައެވެ. ފްލައިޓު ހާލުގައި ޖެހިގެން ބެންގްކޮކްއަށް ޖައްސަން ޖެހުމުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް ޓަކައި 1,000 ޑޮލަރު ކޮންމެ ފަސިންޖަރަކަށް ސިންގަޕޯ އެއާލައިނުން ވަނީ ދީފައެވެ.
ސިންގަޕޯ އެއާލައިނުގެ ފަރާތުން ފެނިގެންދިޔަ ހަމްދަރުދީއާ ދީލަތިކަމަށް ޓަކައި އެތައް ބަޔަކު އަންނަނީ އެ އެއާލައިނަށް ތައުރީފު ކުރަމުންނެވެ. މޫސުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމުގައިވިއަސް އެ އެއާލައިނުން ވަނީ އެކަމުގެ ޒިންމާ ނަގައި, ފަސިންޖަރުންގެ ކިބައިން މައާފަށް އެދި, ފައިސާގެ އެހީ ވެދީ, އެހެން އެއާލައިނުތަކަށް ނަމޫނާ ދައްކާފައެވެ.