މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ މަންތިންދާބޯޓު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެއެވެ.

މި ހާދިސާ ހިނގީ އެމަނިކުފާނާއި އިތުރު ނުވަ މީހަކު ގޮވައިގެން ދަތުރުކުރި އަސްކަރީ މަތިންދާބޯޓެއް ޗިކަންގަވާ ޖަންގައްޔަށް ވެއްޓުމުންނެވެ.

މަލާވީގެ ރައީސް ލަޒަރަސް ޗަކްވޭރާ ވިދާޅުވީ، ސިފައިން ރޭގަނޑު ވަރަށް ފުޅާކޮށް އެހިސާބު ބަލައި ފާސްކުރުމަށްފަހު، އެ ބޯޓުގެ ބައިތައް ހީދާފައި ވާކަމަށެވެ. އަދި ބޯޓުގެ އެއްވެސް ޕެސިންޖަރެއް ސަލަމަތްވެފައެއް ނުވާކަމަށްވެސް ވިދާޅުވިއެވެ. ލިލޮންގްވޭއިން މިޒޫޒޫއަށް ދަތުރުކުރަމުން ދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ރާޑަރުން މަތިންދާބޯޓު ގެއްލުނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޗިލީމާއަކީ ރަނގަޅު ބޭފުޅެއް ކަމަށާއި ވަރުގަދަ ވީޕީއެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ޗަކްވެރާ ވަނީ މި ގެއްލުމާ މެދު ހިތާމަ ފާޅުކުރައްވާފައެވެ. ނައިބު ރައީސްގެ މިދަތުރުފުޅަކީ ސަރުކާރުގެ ކުރީގެ ވަޒީރު ރަލްފް ކަސަމްބަރާ ވަޅުލުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވި ދަތުރުފުޅެކެވެ. ކުރީގެ ފަސްޓް ލޭޑީ ޝާނިލް ދިޒިމްބީރީ ވެސް އެ ބޯޓުގައި އިންނެވިއެވެ. ޖަނާޒާގެ އިންތިޒާމްތައް ހަމަޖެއްސުމާއެކު އެ ހަށިތައް އަނބުރާ ލިލޮންގްވޭއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

2014 ވަނަ އަހަރުން ފެށިގެން ނައިބު ރައީސްކަން ކުރައްވަމުން އައި ޑރ. ޗިލީމާއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެމަނިކުފާނަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ޗިލީމާގެ އަނބިކަނބަލުން މަރީ އާއި ދެ ދަރިން އެބަތިއްބެވެ.