އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ 8 މަސް ދުވަހުގެ ރަހުމްކުޑަ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ސްޕޮންސަރކޮށްގެން ފާސްކުރި ޤަރާރަށް އދ. ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށްފިއެވެ.

14-0 ގެ ވޯޓުން ފާސްކުރި މި ގަރާރަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅުއްވި ތިން މަރުހަލާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ތާއީދުކުރާ ގަރާރެކެވެ.

އިބްތިދާއީ މަރުހަލާގައި ގޮވާލާފައި ވަނީ ހަ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ޣައްޒާގައި ތިބި އިސްރާއީލު ގައިދީންނާ ބަދަލުކުރުމަށެވެ. އޭގެ ފަހުން ކުރިއަށް ގެންދާ މަރުހަލާގެ އަމާޒަކީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި ބާކީ ތިބި މީހުން ދޫކޮށްލުމެވެ. އެންމެ ފަހު މަރުހަލާގައި އަލިއަޅުވާލާފައިވަނީ ޣައްޒާ އާރާސްތުކުރުމަށެވެ.

ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުގެ ބައެއް އޮފިޝަލުން ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް ވައުދުވި ނަމަވެސް، އިޒްރޭލުން އެ ހުށަހެޅުން ބަލައިގެންފައިވާ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. އެ ގަރާރުގައި އިސްރާއީލާއި ހަމާސް އަށް ވެސް އެ ޤަރާރުގެ ޝަރުތުތައް ވަގުތުން އަދި ބަދަލުކުރުމެއްނެތި ތަންފީޒު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމާސް އިން ވަނީ އެއްބަސްވުމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ނުސީދާ މަޝްވަރާތަކުގައި ބައިވެރިވާން ތައްޔާރަށް އޮތްކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އަލްޖަޒީރާގެ ގެބްރިއެލް އެލިޒޯންޑޯ ނިއުޔޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އެ ގަރާރު ލާޒިމްކުރާ ސިފަތަކުގެ ސަބަބުން އެ ގަރާރު ތަންފީޒު ކުރުމާ މެދު ސުވާލު އުފެދޭކަމަށެވެ.

އެމެރިކާގެ ޑެޕިއުޓީ ސަފީރު ރޮބަޓް ވުޑް ވަނީ ޔޫއެންއެސްސީގެ 15 މެންބަރުންގެ އެއްބައިވަންތަ ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ހުށަހެޅުމަކީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް އޮތް އެންމެ ރަނގަޅު މަގެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަކީ ހަމާސްގެ އަސްކަރީ އަދި ހިންގުމުގެ ގާބިލުކަން ނައްތާލުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ބުނެފައެވެ.