އެމްޓީސީސީ އަށް 2022 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ހަތަރު ރުފިޔާ އަލުން ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް އެމްޓީސީސީއިން ފާސްކުރީ އެ ކުންފުނިން ބޭއްވި ޚާއްސަ އާންމު ޖަލްސާގައިއެވެ. އެ ޖަލްސާގައި ބަހަން ނިންމީ ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހާށެވެ. މިއީ 2021 ވަނަ އަހަރުގެ އަދަދާ އަޅާބަލާއިރު 50 ލާރި އިތުރު އަދަދެކެވެ،

މިދިޔަ އަހަރު ބޭއްވި 2022 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހިއްސާގެ ފައިދާއަށް ހަތަރު ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮއްފައިވެއެވެ. ނަމަވެސް، އެ އަހަރުގެ އާންމު ޖަލްސާއަށް ހުށަހެޅުމުން، ހިއްސާދާރުންގެ ބޯޑުން އެ އައިޓަމް ފާސްނުވާ ކަމަށް ކަނޑައެޅިއެވެ.

އިއްޔެ ބޭއްވި ޚާއްސަ އާންމު ޖަލްސާގައި 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުންފުނީގެ މިހާރު މެނޭޖްމަންޓުން ނިންމިއެވެ.

އެމްޓީސީސީގެ 47 ހިއްސާދާރުންނާ އެކު އޮންލައިން ޕްލެޓްފޯމު ފަހިވޯޓު މެދުވެރިކޮށް ބޭއްވީ ޖަލްސާގައި ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކުރީ މި ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ. އެ ކުންފުނިން ބުނީ އެ ޖަލްސާގައި 47 ހިއްސާދާރުން ބައިވެރިވިއިރު އެއީ ޖުމްލަ 5.5 މިލިއަން ހިއްސާ ކަމަށެވެ.

މީގެ އިތުރުން، އިއްޔެ ބޭއްވި ޖަލްސާގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް ފާސްކޮށްފައެވެ.

އެމްޓީސީސީ އަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގަައި ޓެކްސްއަށް ފަހު 196 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 36 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ދަރަނި އަނބުރާ ދެއްކުމަށާއި ތެލުގެ ހަރަދަށް ކުރި ހޭދަ ބޮޑުވުމުން ސާފުފައިދާ ވަނީ ދައްވެފައެވެ. އެ އަހަރު އެ ކުންފުންޏަށް ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.