އިސްރާއީލުގެ ޕާސްޕޯޓާއެކު ޑަބަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް ހުށަހެޅުއްވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓާއެކު ވަނުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ފަލަސްތީނުގެ ހާލަތަކީ އާދައިގެ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ގަސްދުގައި ހިންގާ ގަތުލުއާންމާއެއް ކަމަށް ދުނިޔެ ގަބޫލުކުރާ ކަމަށެވެ. އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަންގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރާއްޖެއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓް އޮންނަ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. އަދި މި އިސްލާހުގެ ސަބަބުން އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނުގެ އާބާދީގެ ގާތްގަނޑަކަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުންގެ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން މީކާއީލް ފާހަގަކުރެއްވިއެވެ.