"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމާއި އެއްބާރުލުން ދިނުމަށް ދާހިލީ ވަޒީރު އަލީ އިޙްސާން އެދިވަޑައިގަންނަވައިފިއެވެ.

'ފަލަސްޠީނާއެކު ދިވެހީން' ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔަހޫދީ އިސްރާއިލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހާލުގައިޖެހިފައި ކަމަށެވެ. މީގެއިތުރުން މިނިސްޓަރު ފާހަގަ ކުރެއްވީ މުސްލިމް ކޮންމެ އަޚަކަށް ލިބޭ ގެއްލުމަކީ މުޅި އިސްލާމީ އުއްމަތަށްލިބޭ ގެއްލުމެއްކަަމެވެ. އަދި މިނިސްޓަރ ވިދާޅުވީ އެ މީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ޓެލެތޯނަށް އެހީވުމަށެވެ.

އަޅުގަނޑު އެދެނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފަންޑް ރެއިޒިން އިވެންޓަށް މި އިވެންޓް ހެދުން. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެހީތެރިކަމަކަށް މި އިވެންޓް ވެގެންދިޔުން."
ދާޚިލީ ވަޒީރު ޢަލީ އިޙްސާން

'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި ބާއްވާ މި ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.