ގައުމެއްގެ މުއްސަނދިކަން އެ ގައުމެއްގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އަށް ބަލައިގެން ދެނެގަނެވޭނެއެވެ. ޖީ.ޑީ.ޕީ އަކީ ވަކި މުއްދަތެއްގެ ތެރޭގައި ޤައުމެއްގައި އުފައްދާ މުދަލާއި ޚިދުމަތުގެ ޖުމްލަ މާލީ އަގެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ރިޕޯޓެއްގައިވާ ގޮތުން ތިރީގައި މިވަނީ ޖީޑީޕީ ޕަރ ކެޕިޓާގެ ނިސްބަތުން ދުނިޔޭގެ އެންމެ މުއްސަނދި 10 ގައުމެވެ.
1. ލަގްޒެމްބާގް
ދުނިޔޭގެ އެންމެ މުއްސަނދި ގައުމު، ލަގްޒަމްބާގް ގެ ޖީޑީޕީ ޕަރ ކެޕިޓާ އަކީ 143،742 އެމެރިކާ ޑޮލަރެވެ. ބޭންކިން އާއި އިންޝުއަރެންސް ހިމެނޭ ގޮތަށް މި ގައުމުގެ މައިގަނޑު ދާއިރާއަކީ މާލީ ދާއިރާއެވެ. ލަގްޒެމްބާގް ވަނީ މަލްޓިނޭޝަނަލް ކުންފުނިތައް ހޯދުމުގައި ވެސް ކާމިޔާބު ހޯދާފައެވެ. މީގެ ސަބަބުންވެސް މި ގައުމުގެ ޖީޑީޕީ ޕަރ ކެޕިޓާ މަތިވެގެންދެއެވެ.
2- އަޔަލޭންޑް
ދެން އެންމެ މުއްސަނދި ގައުމަކީ ޖީޑީޕީ ޕަރ ކެޕިޓާ 133،895 އެމެރިކާ ޑޮލަރަށް އަރާފައިވާ އަޔަލޭންޑްއެވެ. 2024 ވަނަ އަހަރު ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ގައުމަށް ވެ، އަޔަލެންޑުން އަދިވެސް ދަނީ މާލީ ވަރުގަދަކަން ދައްކަމުންނެވެ. ގޫގުލް އާއި އެޕަލް ފަދަ މަލްޓިނޭޝަނަލް ކުންފުނިތައް ޝައުގުވެރިކުރުވުމުގައި ލިބުނު ކާމިޔާބީގެ ސަބަބުން ލަގްޒެމްބާގް އަށް ފަހު ޖީޑީޕީ ޕަރ ކެޕިޓާ ދެވަނައަށް އެންމެ ބޮޑު ގައުމަކަށް އަޔަލޭންޑް ވަނީ ވެފައެވެ.
3- ސިންގަޕޫރު
ދުނިޔޭގެ އެންމެ މުއްސަނދި 10 ގައުމުގެ ލިސްޓުގައި ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގެ ހަމައެކަނި ގައުމަށް ސިންގަޕޫރު ވެއްޖެއެވެ. ސިންގަޕޫރުގެ ޖީޑީޕީ ޕަރ ކެޕިޓާ އަކީ 133،733 އެމެރިކާ ޑޮލަރެވެ. ސިންގަޕޫރުން އަޔަލޭންޑް ފަދައިން ކޯޕަރޭޓް ޓެކްސް ރޭޓް ދަށްކޮށް، މަލްޓިނޭޝަނަލް ކުންފުނިތައް ކާމިޔާބުކަމާއެކު ޝައުގުވެރިކުރުވައެވެ. މި ޤައުމަކީ ވެސް ދެކުނު އިރުމަތީ އޭޝިއާގެ މާލީ އަދި ވިޔަފާރީގެ މަރުކަޒެވެ.
4- ގަތަރު
ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ހަތަރު ވަނައިގައި ގަތަރު އޮތްއިރު ޖީޑީޕީ ޕަރ ކެޕިޓާ އަކީ 112،282 އެމެރިކާ ޑޮލަރެވެ. ގަތަރުގެ މާލީ އެއް ބިންގަލަކީ ތެލާއި ގުދުރަތީ ގޭހެވެ. ތެޔޮ އުފައްދާ އެހެން ގައުމުތަކާ އަޅާ ބަލާއިރު ގަތަރަށް ކުރިއެރުން ލިބުނީ ހަކަތައިގެ ދާއިރާއިން ލިބޭ އާމްދަނީ މެނޭޖްކުރުމުގެ ސްޓްރެޓެޖީގެ ސަބަބުންނެވެ. އުމްރާނީ ތަރައްގީއާއި ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގަތަރުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރެއެވެ.
5- ޔުނައިޓެޑް އަރަބް އެމިރޭޓްސް
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޖީޑީޕީ ޕަރ ކެޕިޓާއަކީ 96،845 އެމެރިކާ ޑޮލަރެވެ. ގުދުރަތީ މުއްސަނދިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ޔޫއޭއީއިން ވަނީ ހަކަތައިގެ ދާއިރާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސްޓްރެޓެޖިކް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްގީ އާއި ޓޫރިޒަމް އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ހިމެނެއެވެ.
6- ސްވިޒަލޭންޑް
ހަވަނައަށް އެންމެ މުއްސަނދި ގައުމަކީ ސްވިޒަލޭންޑްއެވެ. އެ ގައުމުގެ ޖީޑީޕީ ޕަރ ކެޕިޓާ އަކީ 91،931 އެމެރިކާ ޑޮލަރެވެ. މި ޤައުމަކީ ދުނިޔޭގެ މާލީ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ އަދި ގިނަ އިނޮވޭޝަންތަކާއި ރިސަރޗް ކުންފުނިތަކުގެ ވެރިއެކެވެ. މާލީ ދާއިރާއަށް ސަމާލުކަން ދިނުމުގެ އިތުރުން ސްވިޒަލޭންޑުން ހާއްސަ ސަމާލުކަމެއް ދެނީ ރިސާޗް އެންޑް ޑިވެލޮޕްމަންޓަށެވެ.
7- ސަން މެރީނޯ
ސެން މެރީނޯ އަކީ އިޓަލީ ކައިރީގައި އޮންނަ ކުޑަ ގައުމެކެވެ، މި ގައުމުގެ ޖީޑީޕީ ޕަރ ކެޕިޓާއަކީ 86،989 އެމެރިކާ ޑޮލަރެވެ. ސެން މެރީނޯ ދައުލަތަށް ލިބޭ އާމްދަނީ އަކީ ސެރެމިކްސް، ފޭރާން، ޕެއިންޓް، ވައިން ފަދަ ހިދުމަތްތަކާއި އުފެއްދުންތަކުން ލިބޭ އާމްދަނީއެވެ. ސެން މެރީނޯގެ ފަގީރުކަމުގެ ރޭޓަކީ ވެސް ދުނިޔޭގައި އެންމެ ދަށް އެއް ގައުމެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ދެފުށް ފެންނަ ޓެކްސް ގެ ނިޒާމު އޮތުމެވެ.
8- އެމެރިކާ
އަށް ވަނައިގައި އެމެރިކާ އޮތީ ޖީޑީޕީ ޕަރ ކެޕިޓާ 85،732 އެމެރިކާ ޑޮލަރާއެކުއެވެ. ދުނިޔޭގެ އިޤްތިޞާދީ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އިޤްތިޞާދީ ކުރިއެރުމުގެ މައި ތަނބުތަކަކީ ޓެކްނޮލޮޖީއާއި ކްރިއޭޓިވް ދާއިރާއާ އުފެއްދުންތެރިކަމުގެ ސިނާޢަތްތެވެ.
9- ނޯވޭ
ޖީޑީޕީ ޕަރ ކެޕިޓާއަށް ބަލާއިރު ނުވަވަނައަށް އެންމެ މުއްސަނދި ގައުމަކީ ޖީޑީޕީ ޕަރ ކެޕިޓާގެ ގޮތުގައި 82،831 އެމެރިކާ ޑޮލަރާއެކު ނޯވޭއެވެ. ނޯވޭގެ އިޤްތިޞާދީ ތަނބާއި އެކްސްޕޯޓްކުރާ އެއް ވަސީލަތަކީ ސީފުޑެވެ. ނޯވޭގެ ހަކަތައިގެ ދާއިރާއިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެނީ އިއާދަކުރަނިވި ހަކަތައާއި ތައުލީމާއި ދެމެހެއްޓެނިވި މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓަށެވެ.
10- ގަޔާނާ
މި ލިސްޓުގެ ފަހު ގައުމަކީ ގަޔާނާއެވެ. ދެކުނު އެމެރިކާގެ ނޯތު އެޓްލާންޓިކް އައްސޭރިފަށުގައި އޮންނަ ގަޔާނާގެ ޖީޑީޕީ ޕަރ ކެޕިޓާ އަކީ 80،137 އެމެރިކާ ޑޮލަރެވެ. އެގައުމުގެ ތެލުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުންގޮސް ގަޔާނާއަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކަށް ވެއްޖެއެވެ.