މާދަމާ އިން ފެށިގެން ފުވައްމުލަކު ސިޓީގައި ވެސް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެގޮތުން ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މާދަމާ އިން ފެށިގެން ކާފިއު ހިންގުމަށް ނިންމާފައިވާއިރު، ފުވައްމުލަކުގައި މިވަގުތު ވަނީ "ދުބާއީ ކްލަސްޓާގެ" ނަމުގައި ކްލަސްޓާއެއް އުފެދިފައެވެ. އެ ކްލަސްޓާ އިން މިހާތަނަށް 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެ ކޭސްތަކާ ގުޅިގެން ފުވައްމުލަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.