މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ޝިއުރީ އައްޔަންކުރައްވައިފިއެވެ.

ޝިއުރީ މި މަގާމަށް އައްޔަންކުރައްވާފައިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ން އެކްސްގައި ކުރި ޕޯސްޓަކުން މިއަދު އިއުލާންކުރައްވާފަވެއެވެ.

އިބްރާހީމް ޝިއުރީ އަކީ މީގެ ކުރިން ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރައްވާ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި) ގެ އެގްޒެކެޓިވް ބޯޑުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވޯލްޑްގެ ބޭންކްގެ ބައެއް ޕްރޮޖެކްޓްތަކާއި ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ޕްރޮޖެކްޓްތަކުގައިވެސް ޝިއުރީ މަސައްކަތްކުރައްވާފައިވެއެވެ.

މީގެ އިތުރުން، ޝިއުރީއަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސްއެވެ. އަދި މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިއެއްވެސްމެއެވެ. އަދި ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ޝިއުރީއަށް ގައުމީ އިނާމާއި ޒުވާނުންގެ އިނާމުވެސް ހާސިލްކުރައްވާފައިވެއެވެ.

މީގެކުރިން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވީ ފާތިމަތު ތައުފީގުއެވެ. އެއަށްފަހު އެ ކޯޕަރޭޝަނުގެ ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުވެސް ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.