މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރޭ ދަންވަރު މިނާއަށް ދަތުރު ފެށި ހުރިހާ ދިވެހި ޙައްޖާޖީން މިހާރު ތިބީ މިނާގެ ފޭލިތަކުގައެވެ.

އަދި ހުރިހާ މީހުންގެ ހާލު ރަނގަޅު ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބުނެއެވެ.

ދިވެހި ޙައްޖުވެރިން މިނާއަށް ޖަމާވާންފެށީ މިއަދު ހެނދުނު މައްކާ ގަޑިން ގާތްގަނޑަކަށް 8:40 ކަންހާއިރުން ފެށިގެންނެވެ. ދިވެހި ހައްޖުވެރީން މީނާއަށް ގޮސްފައިވަނީ ގާތްގަނޑަކަށް 25 ބަހުގައެވެ. ކޯޕަރޭޝަނުން ވަނީ މިނާ އަރަފާތުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ ގޮތުން އެތަންތަނުގައި ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ހޯއްދާ، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައިވެއެވެ. އަދި މިނާގައި ދިވެހިންނަށް ކެއިން ބުއިމުގެ ކަންކަންވެސް ވަނީ ހަމަޖައްސައިދީފައެވެ. އެހެން އަހަރުތަކެކޭ ހިލާފަށް މިއަހަރު މިނާގައި ދިވެހި ކެއުންވެސް ލެބެން ހުނާނެެވެ.

މާދަމާ ޙައްޖު ދުވަސް ކަމަށްވާތީ ހުރިހާ ޙައްޖުވެރިންވެސް މާދަމާ އަރަފާތު ބިމަށް ދާނެއެވެ. އަރަފާތުބިމަށް ދިއުމަކީ ޙައްޖު އެންމެ މުހިންމު ރުކުނެވެ. އަރަފާތުބިމަށް ޙައްޖު ދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު ޙައްޖުވެރިން އަނެއްކާވެސް އެނބުރި މިނާއަށް ދާނެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން 1،150 މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮއްފަވެެއެވެ. އޭގެ ތެރެއިން، އެކަކު އިއްޔެ ވަނީ ނިޔާވެފައެވެ. އެއީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާޠިމަތު ޙަފީޒާ (80އ) އެވެ.