މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރޭ ދަންވަރު ދަތުރުފެށި ހުރިހާ ދިވެހި ޙައްޖުވެރިން މިހާރު އަރަފާތަށް ދެވިއްޖެއެވެ.

އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށް ދިވެހި ޙައްޖު މިޝަންއިން ބުނެއެވެ. ދިވެހި ޙައްޖުވެރިން މިނާއިން އަރަފާތަށް ދަތުރުފެށީ ރާއްޖެ ގަޑިން މެންދަމު ގާތްގަނޑަކަށް 2:00 ގައެވެ.

ޙައްޖު ދުވަހުގެ މެންދުރުފަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުބިމަށް މިއަދު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ. ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. އައަށްފަހު ބޮޑުޖަމްރާއަށް ހިލައުކާ ހަދްޔު ކަތިލުން ކުރިއަށްގެންދާނެއެވެ.

އެއަށްފަހު މިނާގައި ރޭކޮށް، 3 ޖަމްރާއަށް ހިލައުކާ، ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރާށެވެ. އެއައްފަހު ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރާނެއެވެ. ޙައްޖުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި އޮންނާނީ ވަދާޢުގެ ޠަވާފުކުރުމަށްފަހު ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.