ރާއްޖޭގައި ކޮވިޑްގެ ހާލަތަށް ބަލާއިރު މިހާރު އޮތީ އެންމެ ނުރައްކާތެރި ޙާލަތުގައި ނުވަތަ އެންމެ ނުރައްކާތެރި ރާޅުގެ ދަށުގައި ކަމަށް އެޗުއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒުލާ ރަފީގު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް ބަލި މީހުން އިތުރުވެ ހޮސްޕިޓަލުގެ އެނދުތައް ދަނީ ފުރެމުންނެވެ. ބާކީ ހުރީ ވަރަށް މަދު އެނދުތަކެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެންމެވެސް މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް އެދި ވަޑައިގެންފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިކަމުން ސަލާމަތްވުމަށް ކުރަންކެހެނީ އާދައިގެ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި، މާސްކު އެޅުމާއި، ދޭދޭ މީހުންގެ ދެމެދުގައި ތިން ފޫޓު ދުރުމިން ބެހެއްޓުމާއި، ބައްދަލުވާ މީހުންގެ އަދަދު މަދު ކުރުމާއި ވީހާ ވެސް ގިނައިން ގޭގައި މަޑު ކުރުން ހިމެނެއެވެ.

އޭނާ ވިދާޅުވެފައިވަނީ ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެ ކަމަށްވާނަމަ ލަސް ނުކޮށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މިބަލި ދަނީ ފެތުރެމުންނެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ވެސް ދަނީ ބަލި ފެތުރެމުންނެވެ. އެހެންވެ އެ ދެސިޓީގައި ވަނީ ކާފިއު އިޢުލާން ކޮށްފައެވެ. އައްޑޫ ސިޓީން މިހާތަނަށް ވަނީ ޖުމްލަ 53 މީހުން ޕޮޒިޓިވް ކޭސް ވެފައެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެންނެވެ.