އަޟްހާ އީދު ބަންދާ ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން "އޮޕަރޭޝަން އަޟްހާ" ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެގޮތުން މިމަހުގެ 13 އިން 21 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ބަލަމުން ކަމަށާއި އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުން ދާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ބައިވެރިވާއިރު، އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ސަރަހައްދުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ވެސް ހަރަކާތްތެރިވާނެއެވެ.

މިގޮތުން، މާލޭ ސަރަހައްދުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާއިރު، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.