ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ އެމަނިކުފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަންފުޅުގައި ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއް އަރުވާފައެވެ.

މި ސިޓީފުޅުގައި ޗައިނާގެ ރައީސްވަނީ ރައީސްއަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރައްވައި، އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުގުވެރިކަންވެސް މި ސިޓީފުޅުގައި ފާޅުކުރައްވާފައިވެއެވެ.

ޗައިނާގެ ސަފީރުގެ އަތްޕުޅުން މިސިޓީފުޅު ރައްދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މި ސިޓީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ އުފަންދުވަހަކީވެސް މިއަދުކަމަށްވާތީ، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ މެސެޖް ރައްދުކޮށްދެއްވުން އެދި ޗައިނާގެ ސަފީރާ ރައީސް ވަނީ ހަވާލުކުރައްވާފައެވެ.

މި މެސެޖުގައި ރައީސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ހިޔާލުބަދަލުކުރެއްވިއެވެ.

މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސްއާއި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ.