ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުހައްމަދު ޒަކީ އަވަހާރަވީ ރޭ އައިޖީއެމްއެޗްގައެވެ. އެމަނިކުފާނު ނިޔާވިއިރު އުމުރުފުޅުން 68 އަހަރެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ޒަކީއަކީ ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާތީ އެކަމުގެ އަގު ދައުލަތުން ވަޒަން ކުރައްވާ އިނާމު ދެއްވާފައިވާ ބޭފުޅެއްކަމެވެ. އަދި މަރުޙޫމް މުޙައްމަދު ޒަކީއަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ. މަރުޙޫމް މުޙައްމަދު ޒަކީގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވެސް ރައީސުލްޖުމްހޫރިއްޔާ ދުޢާ ކުރައްވާފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކުރި ޕޯސްޓުގައި ވިދާޅުވީ ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުކަމަށެވެ. އަދި ޒަކީއަށް ރަޙްމަތްލެއްވުން އެދި ދެއާދަންނަވާފައިވެއެވެ.

އަލްމަރުޙޫމް މުޙައްމަދު ޒަކީ ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވެއެވެ. އެމަނިކުފާނު ރިޓަޔާ ކުރެއްވިއިރު މަސައްކަތްކުރެއްވީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ ގޮތުގައެވެ. ޒަކީވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެތަކެއް ވަޒިފާއެއް އަދާކުރައްވާފައެވެ.

2023 ވަނަ އަހަރު ޒަކީއަށްވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.