މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންނަށް ސައުދީ ސަރުކާރުން ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢުދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ ހައްޖުގެ މާތް ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމު އުންމަތުގައި ދަމަހައްޓައި، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމުގެ މަގު މިންވަރުކުރެއްވުން އެދި ދުއާދަންނަވާފައެވެ.
އެ ސިޓީފުޅުގައި އަޟްޙާ ޢީދުގެ މުނާސަބަތުގައި ސައުދީގެ ވަލީއަހުދާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައްވެސް ރައީސް މުއިއްޒު އަރިސް ކުރައްވާފައިވެއެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތާއި ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ ހެވަށް އެދިވަޑައިގަންނަވަމުންނެވެ.
1.8 މިލިޔާން ޙައްޖުވެރިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ރާއްޖެއިން 1150 މީހުން ބައިވެރިވެފައިވެއެވެ. މީގެކުރިން ޙައްޖު އަދާކުރަން ރާއްޖެއިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށެވެ.