ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެކަމަށާއި އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާ އެއްގޮތައްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތްކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް މިރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ.

އަދި، ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށާއި އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަމަށާއި އެނޫންކަންކަމަކީ ޚުރާފީ ބާޠިލް ކަންކަން ކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑރ ޝަހީމް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށާއި، މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގަ ކަމަށެވެ. އަދި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެކަމަށް ވިދާޅުވިއެވެ.

އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓާ، އިސްލާމީ އަހުލާގާއި ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، 'ފުރެއްދޭ' ސަގާފަތްތައް އީދުގެ އުފަލުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް އެދިވަޑައިގެންފައިވެއެވެ.