ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ސުމުއްވުލް އަމީރު އަބްދުލްހަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޮދާޅުވީ، ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުންހިތާމައެއް ކަމަށެވެ. އަދި މަރުޙޫމް އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެ މަނިކުފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ދުޢާ ކުރެއްވިއެވެ.

ރައިސް އިތުރަށް ވިދާޅުވީ، އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަމުގެ މަގާމުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއް ވެސް ދިގު މުއްދަތެއްގައި އެމަނިކުފާނު ގައުމަށް ކޮށްދެއްވާފައިވާކަމަށް ރަައީސް ވިދާޅުވިއެވެ.

ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވިއިރު އުމުރުފުޅަން 87 އަހަރެވެ. މައުލޫމާތު ލިބޭގޮތުގައި އެމަނިކުފާނު މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޢަބްދުލްޙަންނާން ޙަލީމްއަކީ، 1968 ގައި ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު އެކުލަވާލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. އެ މަނިކުފާނަކީ ދެވަނަ ޖުމުހޫރިއްޔާ މީގެ 55 އަހަރުކުރިން ގާއިމުކުރި މަންޒަރު ދެކެވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން އަދާކުރެއްވީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރުދުވަހު، އެއީ، 1968 އިން ފެށިގެން 1978 އާހަމައަށެވެ. އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ވެސް އެމަނިކުފާނުކުރެއްވިއެވެ.