މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ކަމަށްހެދިގެން ފޭސްބުކް އެކައުންޓެއް ހަދާފައިވާ ކަމުގެ މައުލޫމާތު އެމްޕީއެލްއިން އާންމުންނަށް ދީފިއެވެ.

އެމްޕީއެލްގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފޭކް މި އެކައުންޓުން ގިނަ ބަޔަކަށް މުއާމަލާތްކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޚިޔާނާތްތަކަށް ސަމާލުވުމަށް އެމްޕީއެލްިން އިލްތިމާސްކޮށްފައެވެ. އެމްޕީއެލް އިން ވަނީ މަކަރާއި ހީލަތް ހުއްޓުވުމަށް ޓަކައި މައުލޫމާތު ކަށަވަރުކުރުމާއި ޝައްކު ކުރެވޭ ކަންކަން ރިޕޯޓް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ރާއްޖޭގައި އޮންލައިންކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ޚިޔާނާތްތަކާއި ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. ރާއްޖޭން އާންމުކޮށް ފެންނަ ޑިޖިޓަލް ހިޔާނާތުގެ ތެރޭގައި ސްކޭމް ޓެކްސްޓް މެސެޖްތަކާއި ފޭކް ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ބޭންކުގެ މައުލޫމާތު ހޯދަން އެދޭ ކަމަށް ބުނެ ގުޅާ ފަރާތްތަކާއި އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް ސްކީމްތައް ހިމެނެއެވެ. ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެނީ މި ޚިޔާނާތްތަކަކީ ގިނަ ފަހަރަށް އިތުބާރު ހޯދާ، އަމިއްލަ މައުލޫމާތެއް ނުވަތަ ފައިސާ ހޯދުމުގެ ބޭނުމުގައި ނަން މަޝްހޫރު ފަރާތްތަކާ، އިދާރާތަކާއި ކުންފުނިތަކުގެ ސިފައިގައި ހިންގާ ހިޔާނާތްތަކެކެވެ.