އޭ320 މަރުކާގެ މަތިންދާބޯޓް ޖެއްސޭ ފެންވަރުގައި ތަރައްޤީ ކުރަމުން އަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗުމަސް ތެރޭގައ ނިންމާލެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައު ރަންވޭ ބޭނުން ކުރަން ފެށޭނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދުގެ ސާލިހުގެ ސަރުކާރުން ތަރައްޤީ ކުރަން ފެށި ހަނިމާދޫ އެއަރޕޯޓުގައ ކުރިން އޮތީ 1200 މީޓަރުގެ ރަންވޭއެކެވެ. އަލަށް އިތުރުކުރި ބަޔާއެކު ރަންވޭގައި އައު ރަންވޭގައި 2465 މީޓަރު ހުންނާނެއެވެ.

މުބީން އިތުރަށް ވިދާޅުވީ މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު 1.5 މިލިޔަން ފަސިންޖަރުންނަށް ހަނިމާދޫ އެއަރޕޯޓުން ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ބޮޑުތިލަދުންމަތީގެ ޓުއަރިޒަމް އެތައްހަރުފަތެއް މައްޗަށް ޖެހިގެންދާނެ ކަމަށެވެ.

"އުއްމީދަކީ ހަނިމާދޫ އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެންދިޔުން. ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީ ކުރެވިގެންދާނެ. ބޭނުމަކީ ފަތުރުވެރިންނަށް ހަނިމާދޫއިން ސީދާ ރެޒޯޓަށް ސީޕްލޭނުގައި ދެވޭ ގޮތް ވުން" މުބީން ވިދާޅުވިއެވެ.