ދައުލަތުގެ ކުންފުނި "މިފްކޯ" އިން މަސްވެރިންނަށް ފައިސާ ދޫނުކުރާ މައްސަލާގައި އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ހުޅުމީދޫއިން "ހަލި" ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައ 90 އެއްހައި މަސްވެރިން މުޒާހަރާ ކުރުމުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި މެންދުރު ނަމާދުގެ ކުރިން މުޒާހަރާ ހުއްޓާލަން ހަމަޖެހިފައިވާ ކަމަށް މުޒާހަރާގައި ބައިވެރިވިން މައުލޫމާތު ދީފައިވާ ކަމަށްވެސް ހުޅުމީދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަސްވެރިން އަތުން މިފްކޯއިން ގަންނަ މަހަށް ފައިސާ ނުލިބިގެން ޢީދު ބަންދުގެ ކުރިންވެސް މަސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިފްކޯއިން މަސްވެރިންނަށް 250 މިލިޔަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. ދައުލަތުން 250 ރުފިޔާ، މިދިޔަ އޭޕްރީލް މަސް ތެރޭގައި މަސްވެރިންނަށްދީ ހަލާސް ކުރިނަަވެސް މިހާރު އަނެއްކާ 80 މިލިޔަނެއްހައި ރުފިޔާ އޮތީ މަސްވެރިނަށް ނުދެވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ވިދާޅުވެފައި ވަނީ މިފްކޯގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި މިފްކޯ މިއަޑިގަނޑުން ސަލާމަތް ކުރެވޭނީ ގައުމުގެ މާލީހާލަތު ރަނގަޅު ވެގެން ކަމަށެވެ. ހަމަމިއާއެކު ފާހަގަ ކޮށްލެވޭ ކަމަކީ މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ދެދުވަހުގެ ތެރޭގައި ފައިސާ ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމެވެ.