އެޗުޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާކުރާ ސިޔާސީ ޕާޓީތައް ޖަވާބުދާރީ ކުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް "ހަލި ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މުޅިރާއްޖެ ބަލި މަޑުކަމެއްގެ ތެރޭގައި އޮންނައިރު އެންމެން ވެސް ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މުޒާހަރާ ކުރުމާއި އެއްވުންތައް ބާއްވާއިރު އެޗުޕީއޭގެ ގައިޑްލައިންތަކަށް ތަބާވެ އެއަށް ޢަމަލު ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޝަރީފް ވިދާޅުވީ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންމަކީ އޮންނަ އެއްޗެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމަށް އެހެން ވަސީލަތެއް ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. "އެޗުޕިއޭގެ ގައިޑުލައިންތަކާ ޚިލާފުވާ ސިޔާސީ ޕާޓީތައް ޖަވާބުދާރީ ކުރުވާނަން. އެއީ ކަށަވަރު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މުޒާހަރާއާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ މުޒާހަރާ ކޮށްގެން އެއްވެސް މައްސަލައެއްނެތް ކަމަށެވެ. އެހެންނަމަވެސް މައްސަލައަކީ މުޒާހަރާ ކުރިގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މުޒާހަރާގައި އެކަކު އަނެކެއްގެ ގައިގައި ޖެހި އެހެން މީހުންނާމެދު އެއްވެސް ވިސްނުމެއް ނުބާއްވައި ބަލިފެތުރިދާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވަނީ މިއަދުގެ މުޒާހަރާއެއްގެ ވިޑީއޯއަކާ އެކު ޓުވީޓެއް ވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުން ވެސް އެޗުޕީއޭއިން އިއުލާންކޮށްފައިވާ ރައްކާތެރި ފިޔަވަޅުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ. އަދި އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަށް އެކަން އިންތިޒާމް ކުރިފަރާތުން ޒިންމާވާންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ސިޔާސީ ޕާޓީތަކުން ވެސް އެޗުޕީއޭއިން އިއުލާން ކޮށްފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަންޖެހޭނެ. މި ކުލިޕުން މިފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމްކުރި ޕާޓީއަކުން ޖަވާބުދާރީވާންޖެހޭނެ،" ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު އެއިން ސަލާމަތްވުމަށް ފަރުދީ ޒިންމާއަދާ ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.