މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ތުރުކީގެ މައްޗަށް 3-0 ގެ ފުރިހަމަ މޮޅެއް ހޯދައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއިން ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފިއެވެ.

މިމެޗް އެންމެ ބޮޑަށް ހާއްސަ ވެގެންދިޔައީ ރޮނާލްޑޯއަށެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖެހުމަށް ބްރޫނޯ ފެނާންޑޭޒަށް އެސިސްޓް ކޮށްދިނީ ރޮނާލްޑޯއެވެ. މިއާއެކު ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ 1968 ވަނަ އަހަރުގެ ފަހުން (ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ނަމަށް ބަދަލު ކުރިފަހުން) މުބާރާތުގެ ތާރިހުގައި އެންމެ ގިނަ އެސިސްޓް (ޖުމްލަ 7 އެސިސްޓް) ކޮށްދިން ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗު ތުރުކީން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. އެކަމަކު ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނިންމާ ނެލެވުމުގެ ނަތީޖާއަކަށްވީ ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ބާނާޑޯ ސިލްވާ މެޗުގެ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ޕޯޗުގަލްއަށް ލީޑް ނަގައި ދިނުމެވެ. ޕޯޗުގަލްއަށް ހަމަޖެހިލައިގެން ކުޅެން ފުރުސަތު ލިބުނީ ތުރުކީގެ ޑިފެންޑަރަކު ކީޕަރަށް ޖައްސާލި ބޯޅަ މެޗުގެ 28 ވަނަ މިނެޓުގައި ގޯލަށް ވަނުމުންނެވެ. މިއީ މިފަހަރުގެ ޔޫރޯގައި ބައިކޮޅަށް ވަން 6 ވަނަ ލަނޑެވެ.

މިމޮޅާއެކު ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ޕޯޗުގަލް އޮތީ 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމުގައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ނިކުންނާނީ ޖޯޖިއާ ދެކޮޅަށެވެ. ތުރުކީ ނިކުންނާނީ ޗެކާ ދެކޮޅަށެވެ. ޖޯޖިޔާ އާއި ޗެކަށް އެއްޕޮއިންޓް ލިބިފައިވާއިރު، ތުރުކީ ވަނީ ފުރަތަމަ މެޗުގައި ޖޯޖިއާ 3-1 އިން ބަލިކޮށް ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އެހެންކަމުން ފަހު މެޗުގައި ޗެކާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެގެން ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު ތުރުކީއަށް އެބައޮތެވެ.