މަސްވެރިން އައްޑޫ ސީޓީގައި ކުރަމުންދާ އިޙުތިޖާޖު، ގާނޫނީ އިމުގެ ތެރެއިން، ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އައްޑޫ ސިޓީ ހުޅުމީދޫގައި މިދިޔަ ހަފްތާ އިން ފެށިގެން މަސްވެރިން ދަނީ މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ލަސްވަމުންދާތީ އިޙުތިޖާޖުކުރަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ސުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފުލުހުންގެ ޚިދުމަތުން ދެމުންދާކަމަށާއި، ފުލުހުން އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާއި ގަވައިދާ ހިލާފު އަަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދޭކަމަށެވެ.
މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު، އޮޕަރޭޝަންތައް އަލުން ފެށޭނެ މާޙައުލެއް އުފެއްދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މި ބަޔާނުގައި ވިދާޅުވެފައިވެެއެވެ.
މީގެ އިތުރުން، އިހްތިޖާޖުކުރުމާއި ހިޔާލުފާޅުކުުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނައި އަދި އެހެނިހެން ގާނޫނުތަކާއި ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ޤާއިމުކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިގޮތަށް ކުރިއަށްގެންދާ އިޙުތިޖާޖުތަކުގައި ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާއްމު މައްސަލަހަތު އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުގައި އެ މީހުންނަށް ފައިސާ ނުދޭތާ ދެ މަސް ވެއްޖެކަމަށެވެ. އަދި ގާތްގަނޑަކަށް 80 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށްވެސް އެ މަސްވެރިން ބުނެއެވެ. އަދި މިފްކޯ އިން ޖަމާކޮށްދޭން ބުނި 46 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ބުނެ އިހްތިޖާޖު ކުރަމުންދާ މަސްވެރިން އަންނަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންނެވެ.