ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ފުރާ ވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރާއި އދ. ގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ. މި ދަތުރުފުޅަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.
ވޮޝިންޓަން ޑީސީގައި ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި މޫސާ ޒަމީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓަރު، ސަމަންތާ ޕަވާގެ ގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާ ސަރުކާރުގެ އިސް ވެރިންނާ އެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ އިތުރުން ޝަރަފުވެރި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ އިންޓަރެކްޓިވް ޑިސްކަޝަނެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ، އެއައްފަހު ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހިންނާ ވަޒީރު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ވޮޝިންޓަން ޑީސީގައި ބާއަވަވާ ރަސްމީ ބައްދަލުވުންތަކަށްފަހު ވަޒީރު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި އދ ގެ އަންޑަރ-ސެކްރެޓަރީ-ޖެނެރަލް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖުންހުއާއާ ބައްދަލުކުރެއްވުމަށް ނިއުޔޯކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ނިއުޔޯކްގައި އުޅޭ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންގެ އިތުރުން ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް މިނިސްޓަރު ޒަމީރު ބައްދަލު ކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ސެކެޓްރީ ބައިލެޓަރަލް ޑރ. ޙާލާ ހަމީދާއި، ސީނިއަރ އަންޑަރސެކެޓްރީ ޙަސަން ޙުސައިން ޝިހާބްވެސް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.