މާލޭ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މާލެގެ މިސްކިތްތަކަށް ގެއްލުންދީ، ވައްކަންކުރުމުގެ މައްސަލައޮތީ ފަހަކަށްއައިސް ވަރަށް ބޮޑަށް އިތުރުވެފައިއެވެ، ފުލުހުން ވިދާޅުވި ގޮތުގައި، މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްފައިވާ ކަމުގެ 21 މައްސަލަ އެއް ހުށަހަޅާފައިވެއެވެ.

މިސްކިތްތަކުން ވައްކަންކޮށް، ވަގަށް ނަގާފައިވާ 6 ފަންކާ، ދެ ފޯނު އަދި ފެންމޯޓެއް ހޯދައި އެތަކެތި ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ނިމުނު ހަފްތާގެ ހުކުރުވިލޭރޭ ޢީދު މިސްކިތުން ފަންކާއެއްވެސް ވަނީ ވަގަށް ގެންގޮސްފައެވެ. އަދި ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވެއެވެ.