މާލެ ސަރަހައްދުގެ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން އިއުލާން ކޮށްފައިވާ ރަސްމާލޭގެ ބޮޑުބައެއް މިއަހަރު ނިމުމުގެ ކުރިން ހިއްކައި ނިމެނޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިމޭރުމުން ރައީސް ޑޮކްޓަރ މުއިއްޒު ވާހަކަފުޅު ދެއްކެވީ ޕީއެންސީގެ "ހަރުގެ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމަށް ހަމަޖެހިފައިވަނީ މިހާރު އޮތް ޕްލޭނަށް ބަދަލު ނުގެނެސް ކަމަށާއި ހިއްކުން މިވަގުތަށް މަޑުޖެހިފައި އޮތްނަމަވެސް ކުރިއަށް އޮތް ޖުލައި މަހުގެ މެދުތެރޭގައި އަލުން ހިއްކަން ފަށާނެ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1100 ހެކްޓަރު ހިއްކައި ނިމެނޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރަސްމާލޭގެ އިތުރުން ގިރާވަރުފަޅާއި ގުޅީފަޅުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނުުހިއްޓި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރޭގެ ޖަލްސާގައި ރައީސް ޑޮކްޓަރ މުއިއްޒު ދެއްވިއެވެ.

ރަސްމާލެ ތަރައްޤީ ކުރައްވައި އެތަނުގައި 65،000 ގެދޮރު ބިނާ ކުރެއްވުމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑޮކްޓަރ މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. ފުށިދިއްގަރުފަޅު ހިއްކައި ނިމެނޭއިރު، ހުޅުމާލެއަށް ތިންގުނަ ބޮޑުވާނެއެވެ. މިމަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތާރިހުގައި މިހާތަނަށް ހިންގާ ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫޢުއަށެވެ.