މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ޖަލްސާއަަށް ހާޒިރު ނުވާތީ، މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖައްސާލަން ޖެހިއްޖެއެވެ.

މަސްވެރިންނަށް ފައިސާ ދޫނުކުރާ މައްސަލަ ބޮޑުވެފައިވާތީ، އައްޑޫގެ ފިޝަރީސް ކޮމްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރައާއި ގުޅުވައި، މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލައި އެމްޑީޕީން އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާނެކަމަށް ބުނެފައެވެ.

އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެ ޕާޓީން ވަނީ ޕާޓީގެ ޕާލިމަންޓު ގުރޫޕު މެމްބަރުންގެ އަދަދު މަދު ނަމަވެސް މަޖިލިސް ތެރެއިން ކުރެވެން ހުރި މަސައްކަތައް ކުރާނެ ކަމަށް ބުނެފައެވެ.

މިއަދުގެ ޖަލްސާގެ އެންމެ ފުރަތަމަ މަސައްކަތަކަށް އެޖެންޑާ ކޮށްފައި ވަނީވެސް އެ ކުއްލި މައްސަލައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްލި މައްސަލަ ހުށަހެޅުއްވި އަހުމަދު ދީދީއަށް އެމަނިކުފާނު އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަރުވައިފައިވެސް ވެއެވެ. ނަމަވެސް، އެ ވަގުތު މެންބަރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ނޫޅުއްވައެވެ. އެހެންކަމުން، މައްސަލައިގެން ކުރިޔަށް ދެވެން ނެތްކަން ރިޔާސަތުން ވަނީ އިއުލާން ކޮށްފައެވެ.

އެއައްފަހު، މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ، އެޖެންޑާ ކުރެވިފައި އޮތްގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.