ޔޫރޯގެ ގްރޫޕު "އޭ" ގެ ފަހު މެޗުގައި ޖަރުމަނު އަތުން 1-1 އިން އެއްވަރުވެ, ސުވިޒަލޭންޑު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޖަރުމަނުގެ ފްރޭންކްފާޓުގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޖަރުމަނުންނެވެ. އެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޖަރުމަނުގެ އަންޑްރިޗް ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް އަންޑްރިޗް ގޯލު ޖެހުމުގެ ކުރިން ޖަރުމަނުގެ ފޯވާޑް ޖަމާލް މުސިއާލާ, ސްވިޒަލޭންގެ މިޗެލް އެބިޝާއަށް ފައުލު ކޮށްފައިވާ ކަމަށް ބަލާ, ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.

މެޗުގެ ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ސުވިޒަލޭންޑެވެ. މި ލަނޑަކީ, ރީމޯ ފްރޫލާ ނަގައިދިން ހުރަހަކުން ޑޭން އެންޑޯޔޭ ކާމިޔާބު ކުރި ލަނޑެކެވެ. އެންޑޯޔޭގެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ވަރުގަދަ ޖަރުމަނު އަތުން ސުވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ސުވިޒަލޭންޑްގެ ރުބެން ވާގަސް ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ނަމަވެސް ވާގަސް ގޯލު ޖެހިއިރު އޮފްސައިޑުގައި ހުރީތީ, ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.

ޖަރުމަނަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ނިކްލަސް ފޫލްކްރޫގެވެ. ފޫލްކްރޫގު ފަހު ވަގުތު ޖެހި ލަނޑާއެކު މެޗު ނިމިގެންދިޔައީ 1-1 އިން ދެ ޓީމަށް ވެސް އެއް ޕޮއިންޓު ލިބިގެންނެވެ.

ގްރޫޕު "އޭ" ގައި ކުޅުނު ދެވަނަ މެޗަށް ބަލާލާއިރު ހަންގޭރީ ވަނީ 1-0 އިން ސްކޮޓްލޭންޑް ބަލިކޮށްފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދިހަވަނަ މިނެޓުގައި ހަންގޭރީ ކާމިޔާބު ކުރި ލަނޑާއެކު ސްކޮޓްލޭންޑަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ގްރޫޕު "އޭ" ގެ ނަތީޖާއަށް ބަލާލާއިރު, 7 ޕޮއިންޓު ހޯދައިގެން ގްރޫޕުގެ އެއްވަނަ ޖަރުމަނު ހާސިލުކުރި އިރު, 5 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހޯދީ ސުވިޒަލޭންޑެވެ. މި ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރި އިރު, ގްރޫޕުގެ ތިންވަނައިގައި 3 ޕޮއިންޓާއެކު އޮތް ހަންގޭރީއަށް ދެވަނަ ބުރުން ޖާގަ ލިބޭތޯ ކަށަވަރުވާނީ އެހެން ގްރޫޕުތަކުގެ މެޗުތައް ނިމުމުންނެވެ.