ޔޫރޯގެ ގްރޫޕު "ބީ" ގެ ފަހު މެޗުގައި އިޓަލީ އަދި ކްރޭޝިއާ މިރޭ ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.
"ގްރޫޕު އޮފް ޑެތު" ގެ ނަން ދެވިފައިވާ ގްރޫޕު "ބީ" ގައި ހިމެނޭ މި ދެ ޓީމަށް ޔޫރޯގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އިޓަލީއަށް މުބާރާތުގެ ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުން 2-1 އިން މޮޅުވެވުނު ކަމުގައިވިއަސް, ދެވަނަ މެޗުގައި ސްޕެއިން އަތުން ވަނީ 1-0 އިން ބަލިވެފައެވެ.
އިޓަލީ މުބާރާތުގައި ކުޅުނު ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު އޮތީ ގްރޫޕުގެ ދެވަނައިގައެވެ. ކްރޭޝިއާއާ ދެކޮޅަށް ނިކުންނަ މެޗުން އެއްވަރުވެގެން ވެސް އިޓަލީއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރެވިދާނެއެވެ.
މެޗު އެއްވަރުކޮށްގެން އިޓަލީއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވުނަސް, ކްރޭޝިއާއަށް އެވަރުން ފުއްދާލެވޭކަށް ނެތެވެ. ކްރޭޝިއާ, މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން ސްޕެއިން އަތުން ބަލިވެ, ދެވަނަ މެޗުގައި 2-2 އިން އަލްބޭނިއާ އަތުން އެއްވަރުވުމާއެކު އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބުން ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ކްރޭޝިއާ މި ވަގުތު އޮތީ ގްރޫޕު "ބީ" ގެ ފުލުގައެވެ. ދެވަނަ ބުރަށް ދަތުރުކުރާ ނަމަ އިޓަލީ އަތުން މިރޭ ކުޅޭ މެޗުން މޮޅުވާން ކްރޭޝިއާއަށް މަޖުބޫރެވެ. މެޗުން އެއްވަރުވިއަސް ކްރޭޝިއާއަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނެއެވެ.
ފުޓުބޯޅަ ދުނިޔޭގެ ވަރުގަދަ ދެ ބާރު ކަމުގައިވާ އިޓަލީ އަދި ކްރޭޝިއާ ބައްދަލު ކުރާ ފޯރިގަދަ މެޗު އޮތީ ރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ގައެވެ. މި މެޗު ކުޅެވިގެންދާނީ ލެއިޕްޒިގްގެ ރެޑްބުލް އެރީނާގައެވެ.