ހުޅަނގު މޫސުމުގެ އަދަ ނަކަތުގެ ބާރުގަދަވެ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރައްތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ހާމަކުރައްވައިފިއެވެ.

މިއަދަކީ މިއީ އަދަ ނަކަތުން 8 ވަނަ ދުވަހުއެވެ. އަނެއްކޮޅުން ކުރިއަށް އޮތް އޮތީ ވިއްސާރަ "ފުނޯސް" ނަކަތެވެ. މިދެނަކަތަކީވެސް ޒަމާނުއްސުރެ ހުޅަނގު މޫސުމުގައި ވިއްސާރަކުރާނެ ކަމަށް މަޝްހޫރު ދެނަކަތެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ރައްތަކަށާއި މެދުރާއްޖޭގެ ތެރޭގެ ރަށްތަކަށް މިރެޔާއި މާދަމާ ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ވަރަށް ބާރުވާނެކަމަށާއި ކަނޑުތައްވެސް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރައްވައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް ހުދުސަމާލު ނެރެފައެވެ.